ކެންސަރަށް ޓެސްޓުކުރާ ކްލިނިކެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވައިފި


ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ކެންސަރަށް ޓެސްޓުކުރާ ކްލިނިކެއް ހުޅުވައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ކެންސާ ސްކްރީނިންގް ކްލިނިކް ހުޅުވާފައިވަނީ އިއްޔެ ކަމަށެވެ. މިއީ ކެންސަރާ ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް އެންމެ އެކަށޭނެ ގޮތުގައި ދެނެގަނެ ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި ކްލިނިކެއް ކަމަށް ޓްރީޓޮޕުން ހާމަކުރެއެވެ.
މި ކްލިނިކްގެ ޚިދުމަތްތަކުގެ ތެރޭގައި ކެންސާ ބަލީގެ އެކި އެކި ބާވަތްތަކުން ރައްކާތެރިވުމަށާއި، އަދި ކެންސާ ބަލީގެ ޢަލާމާތްތައް ދެނެގަންނާނެގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޓްރީޓޮޕުން ހާމަކުރެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ކްލިނިކްގައި ފަރުވާ ދިނުމަށް މެޑިސިން، އޮންކޮލޮޖީ، ގޭސްޓްރޯއެންޓަރޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕަލްމޮނޮލޮޖީގެ އިތުރުން އިންޓާނަލް މެޑިސިންގެ މަލްޓިސްޕެޝިއަލްޓީ ތަޖުރިބާކާރުން ހަރަކާތްތެރިވާނެ ކަމަށެވެ. މީގެ އިތުރުން ޓްރީޓޮޕްހޮސްޕިޓަލުން ބުނީ މި ޓީމުން ގުޅިގެން މީހުންނަށް ޕްރިވެންޓޭޓިވް މެޑިސިން ނުވަތަ ކެންސަރު ބަލިން ސަލާމަތްވެ ރައްކާތެރިވުމަށް ކުރެވޭނެ ބޭސްފަރުވާ ފޯރުކޮށްދީ ހިތްވަރުދޭނެ ކަމަށެވެ.
