ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި


ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. އެކަމަކު ޕްރޮޖެކްޓްގެ އަގާއި އެ ބިން އެއްކޮށް ހިއްކައި ނިމޭނެ ތާރީހެއް އެޗްޑީސީ އިން ނުބުނެ އެވެ.
ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓާ ކުންފުނި، އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް 3 ހިއްކައި ނިމުމުން ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ ފޭސްތަކާ އެއްގޮތަށް އާ ބިމުގައި ވެސް ލުއިފަސޭހަ ވާނެހެން ގިނަ ހިދުމަތްތައް ދޭނެ ކަމަށެވެ.
ފޭސް ތިނެއްގައި ވެސް ބްރިޖާއި ޕާކުތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމަށް ފުރުސަތުތައް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ އިން އިތުރަށް ހިއްކަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފޭސް ތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފޭސްގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭ ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގައި އުޅަނދުތަކެއް އަޅާފައި.
އެކަމަކު، ފޭސް 3 ގެ ތަފުސީލީ ޕްލޭނެއް އަދި އެޗްޑީސީ އިން އާންމެއް ނުކުރެ އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އެޗްޑީސީ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.
މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމި އިރު ހުޅުމާލެއިން 1،400 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭގައި މިއަދު ހިއްކަން ފެށި ހުޅުމާލެ ފޭސް 3 ވެސް ހިމެނެ އެވެ.
ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.
