ރިޝްވަތުގެ މައްސަލަތައް ޕޯޓަލް މެދުވެރިކޮށް ހުށަހަޅުއްވާ: އޭސީސީ

Spread the love

ރިޔާސީ އިންތިހާބާ ގުޅިގެން ކުރިއަށްދާ ރިޝްވަތުގެ މައްސަލަތައް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް  އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހަނދާންކޮށްދީފިއެވެ.

އޭސީސީއިން ބުނީ، ރިޝްވަތު ދިނުން ނުވަތަ ރިޝްވަތު ދޭން އުޅުމަކީ، އިންތިހާބާ ގުޅިގެން ކެނޑިޑޭޓަކު ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރެއް ފޯރުވުމަށްޓަކައި އެއްޗެއް ދިނުން ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެނޫންވެސް މަންފާއެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭން ބުނުމެވެ.

އިންތިހާބީ ރިޝްވަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް އޭސީސީއިން ވަނީ ޕޯޓަލްއެއް ގާއިމު ކޮށްފައެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 74 ވަނަ މާއްދާގެ (ހ)ގެ 11 އަދި 12ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މި ޕޯޓަލްއަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކޮށްފައިވާ ލުއިފޮތްވެސް ބަލައިލެވޭނެއެވެ.

މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމު ކުރެވިފައި ވީނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށެވެ. އަދި ވިސިލްބްލޯކުރާ ފަރާތްތަކަށް ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕޯޓަލް މެދުވެރިކޮށް މައްސަލައާގުޅޭގޮތުން ދެވެން އޮތް އެންމެގިނަ މަޢުލޫމާތު ހިމެނުމަށް ޚާއްޞާ ސަމާލުކަމެއް ދޭންވާނެއެވެ.

ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައަޅާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވާނަމަ ފޯމު ބަލައެއް ނުގަންނާނެއެވެ. އަދި އެ ކޮމިޝަނުގެ އިޚްތިޞާޞަށް ނުފެތޭ ބާވަތުގެ މައްސަލަތައް އެޕޯޓަލް މެދުވެރިކޮށް ހުށަހެޅިނަމަވެސް އެފަދަ މައްސަލައެއް އޭސީސީގައި ރަޖިސްޓަރީ ނުކުރެވޭނެ ކަމަށް އޭސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com