ބަޖެޓް ނުލިބެންޏާ ނިޒާމީ ވޯޓުގެ ކަންތައް ކުރިއަކަށް ނުގެންދެވޭނެ: އީސީ


ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަންތައް ރައްޔިތުންގެ މަޖިލީހުން އަންގާފައިވާ ގޮތަށް، ކުރިއަށް ގެންދެވޭނީ އެކަމަށް ބޭނުންވާ ބަޖެޓް ލިބިގެން ކަމަށާއި ބަޖެޓް ނުލިބިއްޖެނަމަ އެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭ މައި މަރުކަޒު، ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމުގެ ކުރިން އެ ވޯޓާމެދު ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ. ނިޒާމީ ވޯޓުނަގަން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ކޮމިޝަނަށް ވަގުތު ބޭނުންވާ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
“މިކަން ކުރުމަށްޓަކައި، މި ވޯޓުގައި ރައްޔިތުންނަށް ކުރާނެ ސުވާލުވެސް ލިބެންޖެހޭ، ހޭލުންތެރިކަން ވެސް އިތުރުކުރަންޖެހޭ އެކަންކަން ކުރުމަށާއި އަދި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެކުލަވައިލުމާއި މިކަންތައްތަކަށް އެކަށީގެންވާ މުއްދަތުތަކެއް އެބަ ލިބެންޖެހޭ. އަދި ހަމއެހެންމެ ބަޖެޓު ނުލިބިއްޖެއްޔަކާ އަޅުގަނޑުމެންނަކަށް މިކަމެއް ނުކުރެވޭނެ،”
ހަބީބު ވިދާޅުވީ، ނިޒާމީ ވޯޓު ނެގުމާބެހޭގޮތުން ކޮމިޝަނުގައި މަޝްވަރާކޮށް، އެކަމަށް ބޭނުންވާ ގާނޫނީ ލަފާ ހޯދުމަށްފަހު، އެކަމަށްޓަކައި ބޭނުންވާ ކަންތައްތައް ހިމަނައިގެން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަންޖެހިއްޖެނަމަ ބޭނުންވާނެ ބަޖެޓަކާ ބެހޭގޮތުން މީގެ ކުރިންވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވާފައިވާނެ ކަމަށެވެ. ނަމަވެސް އޭރު އެކަމަށް މެންބަރުންގެ ޝައުގުވެރިކަން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
“މިދިޔަ އަހަރު މާލިއްޔަތު ކޮމިޓީއަށް އަޅުގަނޑުމެންގެ ބަޖެޓް ހުށަހަޅަމުން ދިޔައިރު، ބުނިން ކޮމިޝަންގެ ގާނޫނީ ޒިންމާގެ ތެރޭގައި އެބަހިމެނެޔޭ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އައިސިއްޔާ އެބަޖެހެއޭ އެކަމާބެހޭގޮތުން ހޭލުންތެރިކަން އިތުރު ކުރަން، އެއަށް މާބޮޑު ސަޕޯޓެއް ލިބިފައެއްނުވޭ. އެކަމުގައި މަޖިިސް މެންބަރުންގެ ވިސްނުން އެނގުމުން އިތުރަށް އެވާހަކަ ދައްކާފައެއް ނުވާނެ،” ހަބީބު ވިދާޅުވިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ނިޒާމީ ވޯޓަށް ބޭނުންވާ ބަޖެޓް ލިބިއްޖެނަމަ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށްފަހު ނިޒާމީ ވޯޓާމެދު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ނިޒާމީ ވޯޓު ނަގަން މިހާރު ނިންމާފައިވަނީ، އަންނަ މަހުގެ 29 ވަނަ ދުވަސް ކަމަށާއި އެކަމަށްޓަކައި ކޮމިޝަނަށް ފުރުސަތު ލިބުނު ވަރަކުން ހޭލުންތެރި ކުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
“ރައްޔިތުންގެ މަޖިލީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ، ގާނޫނުގެ ދަށުން އެކަން ކުރަން އެންގުމުން އެކަންކުރާ ގޮތަށް މިތިބީ. އެއީ އަޅުގަނޑުމެންގެ ގާނޫނީ މަސްއޫލިއްޔަތެއް. އެހެންކަމުން އެކަން އަޅުގަނޑުމެން ކުރާނަން،”
