ގޯތި ދޭން ނިންމާފައިވާ އުތުރު ތިލަފަޅު ހިއްކާ ގޮތުގެ ޗާޓެއް އާންމުކޮށްފި


މާލޭ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައިވާ އުތުރު ތިލަފަޅު ހިއްކާ ގޮތުގެ ޗާޓެއް ހައުސިން މިނިސްޓްރީން އާންމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ކުރެއްވި ޓުވީޓެއްގައި އާންމުކޮށްފައިވާ އެ ޗާޓުގައިވާ ގޮތުން ގޯތި ދިނުމަށް ހިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ކޯސްޓް ގާޑުގެ ކެރިކުޅަދާނަކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ އެހީގައި “ސިފަވަރު”ގެ ނަމުގައި ގާއިމުކުރާ ކޯސްޓްގާޑް ބަނދަރާއި ސާވިސް ޑޮކްޔާޑު ތަރައްގީކުރާ ސަރަހައްދާ ވަކިންނެވެ. އެގޮތުން އެ ފަޅުން 215 ހެކްޓަރު ހިއްކާނެ ކަމަށް އެ ޗާޓުން ދައްކައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ މާލޭ ރައްޔިތުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހިން ގޯއްޗާއި ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުތުރުތިލަފަޅުން ކަމަށެވެ.
ހައުސިން މިނިސްޓްރީން ވަނީ ރޭގެ ވަގުތެއްގައި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީން ބަންޑާރަ ގޯއްޗާއި ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.
މި ފިޔަވަހީގައި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިރާވަރު އުތުރުފަޅުންނެވެ. ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓު ކަމަށާއި ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމާ ކަމަށް ވެސް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ
ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނެ އުސޫލު
އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓު (ށ) ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ. (ނ) 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000އަކަފޫޓު.
ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް
ދިވެހި ރައްޔިތެއް ކަމުގައި ވުން
2. އުމުރުން 18 އަހަރު ފުރިފައިވުން
3. “ބިންވެރިޔާ” ސްކީމުން ނުވަތަ “ވެށިފަހި މާލެ ޕްރޮގްރާމް” ގެ ދަށުން ގޯއްޗެއް ލިބިފައި ނުވުން
4. މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން
5. މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން
6. މާލެ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން
7. ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނަމަ، އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން
8. ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި، ދޫކޮށްލުމަށް އެއްބަސްވުން
9. ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިން ޔުނިޓެއް، ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ، އެ ތަން އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލައިފައިވާތާ ނުވަތަ ވިއްކައިލައިފައިވާތާ 5 އަހަރުދުވަހަށްވުރެ ގިނަދުވަސް ވެފައިވުން
ގޯއްޗަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި، ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި އެހެނިހެން ތަފުސީލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އުސޫލު ނަންބަރު 31-ޖީ-2023 (ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު) ގައި ބަޔާންކޮށްފައި ވާނެއެވެ.
