މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް އުފައްދައިފި


އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާ ކުރުމަށް ”މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް“ގެ ނަމުގައި އިތުރު ކުންފުންޏެއް އުފައްދައިފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރައްވާފައި ވަނީ ތަޖުރިބާކާރު އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު އަހުތަރެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދުގައި އެއްވަގުތެއްގައި އުދުހޭ ފްލައިޓުގެ އަދަދު 60 އަދި 70 މޫވްމަންޓަށް ގިނަވެފައިވާ އިރު އެއާޓްރެފިކް ކޮންޓްރޯލް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ ވަސީލަތްތަކަށް ވެސް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ނިޒާމަށް ގެންނަ ބަދަލުތަކާއި ގުޅިގެން ރާއްޖޭގައި އެއާރޕޯޓުތައް ގިނަވުމާއި ސީޕްލޭން އޮޕަރޭޝަން އިތުރުވުމުގެ ސަބަބުން ވައިގެ ސަރަހައްދުގައި އުދުހޭ މަތިންދާ ބޯޓުތައް މިހާރު ވަނީ ގިނަވެފައެވެ.
ވައިގެ ދަތުރުތައް މިހާތަނަށް މެނޭޖްކުރަމުން ދިޔައީ އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގެ ދަށުން، އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު އަދި ކޮންޓްރޯލް ޓަވަރުންނެވެ.
”މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް“ ގެ ނަމުގައި މިއަދު އުފެއްދި ކުންފުންޏާއެކު އެއާ ޓްރެފިކްގެ ހުރިހާ ހިދުމަތެއް ބަދަލުވާނީ އެ ކުންފުނީގެ ދަށަށެވެ.
މިއަދު އުފެއްދި ކުންފުންޏާއެކު އެއާ ޓްރެފިކްގެ ހުރިހާ ހިދުމަތެއް ދެން ބަދަލުވާނީ އެ ކުންފުނީގެ ދަށަށް ކަމަށް ސަރުކާރުން ބުނެއެވެ.
