އުތުރު ތިލަފަޅު ބަލަންދިއުމުގެ ފުރުޞަތު ވަކި މީޑިޔާތަކަށް، އިންސާފެއް ނެތް

Spread the love

އުތުރު ތިލަފަޅުގައި މިހާރު ޤާއިމުކުރަމުންދާ އެމްއެންޑީއެފްގެ “އެކަތަ ބަނދަރު” ގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބަލާލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދަޢުވަތު އަރުއްްވާފައިވާއިރު، ސަރުކާރުން އެ ފުރުސަތު އަރުވާފައިވަނީ ބައެއް މީޑިއާތަކަށް ކަން ހާމަވެއްޖެއެވެ.

ފަނަރަ ހެކްޓަރުގެ ބިން ހިއްކާ ގޮތަށް ހަމަޖެހިފައިވާ އުތުރު ތިލަފަޅު މަޝްރޫޢުއަކީ އިންޑިޔާ ސަރުކާރުގެ އެހީގައި ޤާއިމުކުރާ ސަރަޙައްދެއްކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަން މިހެން އޮއްވައި، “ބިންވެރިޔާ” މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ސަރުކާރުން ކުރިޔަށް ގެންދާ މަޝްރޫއުގެ ދަށުން އެތަނުން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދޭން ނިންމާފައިވާކަމަށް މީގެ ދެދުވަސްކުރިން، އެމްޑީޕީގެ ސޯސަން ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ އިޢުލާން ކުރައްވާފައެވެ.

އުތުރު ތިލަފަޅުން ގޯތި ދިނުމަށް ހަމަޖެހިފައިވަނީ ސިފައިންނަަށް ކަނޑައަޅާފައިވާ ބައިގެ ފަހަތުން 251 ހެކްޓަރުގެ ބިން ހިއްކައިގެން ކަމަށް ވެސް ސަރުކާރުން މަޢުލޫމާތު ދެއްވާފައިވެއެވެ.

“އެކަމަށް އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީ،”

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

އުތުރުތިލަފަޅާއި ގުޅިގެން އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، ޝައްކު އުފެދޭނަމަ އެތަންތަން ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް، އެރޭގެ ޖަލްސާގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުމެން މިތިބީ އެ ހުރިހާ ތަނެއް ދައްކަން. އަޅުގަނޑުމެންނާ ދޭތެރޭގައި ޝައްކު އުފައްދާ އުތުރު ތިލަފަޅު ކަމަށް ވިޔަސް ކައްދޫ އެއާޕޯޓް ކަމަށް ވިޔަސް ހަނިމާދޫ ކަމަށް ވިޔަސް ވަޑައިގެން ބައްލަވަންވީ.”

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިހް މި ދަޢުވަތު ދެއްވުމާ ގުޅިގެން، ބައެއް ނޫސްވެރިން ޖެހިގެން އައި ދުވަހު، އުތުރު ތިލަފަޅުން ގޯތި ދޭ ސަރަހައްދު ބަލާލުމަށް ދިޔުމުން ހުއްދަނެތި އައުން މަނާވާނެ ކަމަށް ބުނެ އެތަނުގައި ހުރި އޮފިޝަލް ވަނީ އެ ނޫސްވެރިން އެތަނުން ފޮނުވާލާފައެވެ.

ނޫސްވެރިން އުތުރު ތިލަފަޅަށް ދިއުމުން، އެކަން ކުށްވެރިކުރައްވައި އެމްއެންޑީއެފްއިން ނެރުއްވި ބަޔާނެއްގައި، ބުނެފައިވާގޮތުގައި އެ ނޫސްވެރިން އެގޮތަށް ކަން ކޮށްފައިވަނީ، އުތުރު ތިލަފަޅުގައި ތަރައްގީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތް ދައްކާލުމަށް ވަރަށް ފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުސަތު ފަހިކޮށްދީފައިވަނިކޮށް ކަމަށެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި އެފަދައިން ވިދާޅުވެފައިވަނީ، މިމަހު 16 ވަނަ ދުވަހު ސަރުކާރުން ބޭނުންވި މަދު މީޑިއާތަކަށް އެތަން ދެއްކެވެމުން އެކަމަށް އިޝާރާތްކުރައްވައި ކަމަށް ބެލެވެއެވެ. މިކަމުގައި އެމްއެންޑީއެފަށް ފުރިހަމަ މަޢުލޫމާތު ލިބިފައިވާ ކަމަކަށް ނުބެލެވެއެވެ.

އެކަމަކު އެތަން ބެލުމަށް “އެދިފައިވާ މީޑިއާ” ތައް ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވީނަމަވެސް، އެއީ ސީދާ ސަރުކާރާއި އެމްއެންޑީއެފްއިން ބައެއް ނޫސްތަކަށް ދިން ދައުވަތަށް އެ އެ ނޫސްވެރިން ކުރި ދަތުރެއްކަމަށް ނޫހެއްގައި ޖަހާފައިވެއެވެ.

އެ ދުވަހު އުތުރު ތިލަފަޅު ބެލުމަށް ފުރުޞަތުދީ ދަޢުވަތު ދެއްވާފައިވަނީ ސަރުކާރަށް ޕްރޮމޯޓްކުރާ މީޑިއާތަކަށް ކަން ފާހަގަކުރެވެއެވެ.

މީޑިޔާތަކާ މެދު ތަފާތުކުރުންތައް މި ސަރުކާރުން ގެންގުޅުއްވާކަން ފާހަގަކޮށްލެވޭ މި ދަނޑިވަޅުގައި، ސަރުކާރުގެ ކުންފުނިތަކުން ސްޕޮންސަރޝިޕް ދެމުން ގެންދަނީ ވަކި މީޑިޔާތަކަކަށް ކަންވެސް ފާހަގަކުރެވެއެވެ. ހަމައެހެންމެ، ސަރުކާރުގެ މަޝްރޫޢުތަކުގެ އަޕްޑޭޓް ފޯރުކޮށްދެމުންދިއުމުގައި މީޑިޔާތައް ތަފާތުކުރަމުންދާކަންވެސް ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com