ޢަރަބި ބަސް ދަސްކުރުމަކީ ދުނިޔަވީގޮތުންނާއި، އުޚްރަވީގޮތުންވެސް ފައިދާ ބޮޑުކަމެއް: ނައިބު ރައީސް

Spread the love

ޢަރަބި ބަސް ދަސްކުރުމުން ގިނަ ފައިދާތަކެއް ދެދުނިޔޭގައި ކުރާނެކަން ފާހަގަކުރައްވާ ކުރިއަށް އޮތް ދުވަސްތަކުގައި ޢަރަބި ބަސް ދަސްކޮށްގެން ގިނަ ފުރުސަތުތަކެއް ފަހިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. ކ.ގާފަރު ކައުންސިލްގެ 8 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ނަތީޖާފާޅުކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ ޢަރަބި ބަހަކީ އަދުގެ ދުނިޔޭގައި މުހިއްމު ބަހެއްކަމަށެވެ. މުސްލިމުންނަށްވީތީ ދީނުގެ މުހިއްމު ބައެއް ހިއްސާކުރާ ޢަރަބި ބަސް ދަސްކުރުމަށް ބާރު އަޅުއްވަންޖެހޭކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔޭގައި އުޚްރަވީގޮތުން އަދި ދުނިޔަވީގޮތުންވެސް ޢަރަބި ބަސް ބޭނުންތެރި އެއްޗަކަށްވެއްޖެކަމަށެވެ.

އިނގިރޭސި ބަސް ނޭނގޭ މީހުން މަދުކަން ފާހަގަކުރައްވާ ނައިބު ރައީސްވަނީ ބަވަނަވަމުންދާ ދުނިޔޭގައި ޢަރަބި ބަސް ކުރިއަރަމުން އަންނަ ގޮތް ފާހަގަކުރައްވާ އެކަމަށް ދަރިވަރުން ތައްޔާރުކުރުމަށް އެދިވަޑައިގަންނަވާފައެވެ. “ކުރިއަށް އޮތް ދުވަސްތަކުގައި ޢަރަބި ބަސް ދަސްކޮށްފިނަމަ ވަރަށް ގިނަ ފައިދާތަކެއް ކުރާނެ. އުޚްރަވީގޮތުން ބަލާއިރުވެސް އަދި ވިޔަފާރިއާއި ތަޢުލީމީ ފުރުސަތުތަކަށްބަލާއިރުވެސް މިއަދު މިދަނީ މިކަން ފެންނަމުން.” ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްވަނީ ކުޑަކުދިންގެ ހިތްތަކުގައި ކުޑައިރުން ފެށިގެން ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށް ބާރުއެޅުއްވުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި ކޮންމެ ކުއްޖަކީވެސް ޤައުމަށް ޚިދުމަތްކުރާނެ ކުއްޖެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމުގެ ޢަޒުމުގައި މަސައްކަތްކުރެއްވުމަށް ނައިބު ރައީސްވަނީ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

ކ.ގާފަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް މީގެކުރިން ކުރައްވާފައިވާ ނައިބު ރައީސް ފައިސަލް ނަސީމްވަނީ ގާފަރު ކައުންސިލްގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ހައިބަތާއި ޤުރުއާނަށް އޮތް ޝައުގުވެރިކަން އިތުރުކުރެއްވުމަށް، އަންނަ އަހަރުން ފެށިގެން އެމަނިކުފާނުގެ ޚަރަދުގައި މުޅި މުބާރާތުން އެއްވަނައަށްދާ ކުއްޖަކަށް ޢުމްރާ ދަތުރެއް ދެއްވާނެކަން ޢިއުލާންކުރައްވާފައެވެ. ގާފަރު ކައުންސިލުން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މިމުބާރާތުގައި، މިއަހަރު މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ގާފަރު ދޫރަސް، ޒާރާ އަޙްމަދު ވިރްޝާންއެވެ. އަދި ދެވަނަ ހޯދީ އެރަށު މާބަގީޗާ، ނުސައިބާ ބިންތް ޠަލާލްއެވެ. ތިންވަނަ ހޯދީ ޢައިޝަތު ލީސާ އިރުފާންއެވެ.

މިއީ އެރަށު ކައުންސިލުން މިމުބާރާތް ބޭއްވި 8 ވަނަ ފަހަރެވެ. އަހަރުން އަހަރަށް މުބާރާތުގެ ފެންވަރު މަތިކުރުމަށް ކައުންސިލުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިއީ ރަށުގެ ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮތް ލޯބި އިތުރުކުރުމަށް ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com