ސީފެއަރާ އައިޑެންޓިޓީ ޑޮކިއުމެން ދޫކުރަން ފަށައިފި

Spread the love

ބޯޓު ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ސީފެއަރާސް އައިޑެންޓީޓީ ޑޮކިއުމެންޓް ނުވަތަ އެސްއައިޑީ މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) މިންގަނޑާ އެއްގޮތަށް ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ އައިޑެންޓިޓީ ޑޮކިއުމަންޓް، ސީފެއަރާ އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ) ދޫކުރަން މިއަދު ފަށާފައިވާ ކަމަށެވެ. އަދި  އައިޑެންޓިޓީ ޑޮކިއުމެންޓް މިހާރު ހުށަހަޅާފައިވާ ފަރާތްތަކަށް ވެލާނާގެ އެއް ވަނަ ފްލޯއިން މިއަދު 6:00 އާ ހަމައަށް ޑޮކިއުމެންޓް ލިބޭނެ ކަމަށާއި އޮފީސް ހުޅުވާ ހުރިހާ ވަގުތެއްގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް 8:30 އިން 5:00 އިން އައިޑީ ކާޑު ލިބޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައި އެވެ.

މިކަމާއި ގުޅިގެން  ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަހުމަަދު މުހައްމަދު (ހަނަފީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯލްޑް މެރިޓައިމް ޑޭ އާއި ދިމާކޮށް ލިއުން ދޫކުރަން ފަށާފައިވާއިރު ލިއުމުގެ ސަބަބުން ދިވެހި ބޯޓުދަތުރު ކުރާ ފަރާތްތަކަށް އަދި ރާއްޖޭގެ ބޯޓުދަތުރު ކުރުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަަކަށް މިހާތަނަށް ކުރިމަތިވަމުން އައި ގޮންޖެހުންތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ސީމަނުންނަށް ބޭނުންވާ ޑޮކިއުމެންޓް ދޫނުކުރާތީ، ބައެއް ގައުމުތަކަށް ރާއްޖޭގެ ސީމަނުންނަށް މިދިޔަ މެއި މަހުން ފެށިގެން ނުވަދެވޭތީ އެކަމާ ސީމަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭރު ރާއްޖޭގެ ސީމަނުންނަށް ބްރެޒިލް އާއި އެމެރިކާ ބައްރުގެ ގައުމުތަކަށް ނުވަދެވެ އެވެ. އެގޮތުން ބައިނަލްއަޤްވާމީ ބަނދަރުތަކުން މި ލިއުން އޮތްތޯ ބަލާއިރު، މި ލިއުން ނެތި ބޯޓަށް ބަނދަރު ނުކުރެވުމާއި ނުވަތަ އެމީހުންނަށް ބަނދަރުތަކުގެ ވަސީލަތް ބޭނުން ކުރަން ނުދެވުން ހިމެނެއެވެ. މީގެ އިތުރުން މިފަހުން ވަޒީފާތައް ޑޮކިއުމެންޓް ނެތުމުން އެއްވެސް ގޮތަކަށް ނުލިބޭކަމަށް އެފަރާތްތަކުން ވަނީ މީގެ ކުރިން ފާހަގަކޮށްފައެވެ.

މިއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރަން ޖެހޭ ލިއުމެކެވެ. އެސްއައިޑީ އަކީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ދުނިޔޭގެ ބަނދަރުތަކާއި އެއާޕޯޓުތަކަށް ވަނުމަށް ކޮންމެހެން ބޭނުންތެރި އަދި ބައިނަލްއަގްވާމީ ގޮތުން އޮންނަން ޖެހޭ އައޑީ ކާޑެކެވެ. ސީމަން ބުކް އަކީ ކަނޑުދަތުރުކުރާ ފަރާތްތަކުން ޕާސްޕޯޓެއްގެ ގޮތުގައި ބޭނުންކުރާ އަދި އެ ފަރާތްތަކާ ބެހޭ މައުލޫމާތާއި ތަޖުރިބާ އާއި ފެންވަރު ބަޔާންކުރާ ލިއުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com