ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބަށްފަހު އެތައް ބަޔެއްގެ ތަޢުރީފާއި ޝުކުރު، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީޤަށާއި އެކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ހަބީބަށް އޮހެން ފަށައިފިއެވެ.
އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް ހަމަޖައްސަވައި ވަރަށް އޮމާންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަ އުސޫލެއްގެ މަތިން ގެންގޮސްދެއްވާފައިވާ ކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަަމުންނެވެ.
އަދި އިލެކްޝަންސް ކޮމިޝަންގެ ޤާބިލުކަމާމެދު އެއްވެސް ބޭފުޅަކު މިހާރު ސުވާލު ނުއުފައްދާ ކަމަށާއި އެ ބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއާއެކު އިންސާފުވެރިކަމާއެކު އިންތިޚާބުގެ ކަންކަން ބައްޓަން ކޮށްދެއްވަމުން ގެންދަވަނީ ޤައުމީ ވާޖިބު އޭގެ އެންމެ ފުރިހަމަ މާނައިގައި އަދާކުރުމުގެ މާތް އިޚްލާޞްތެރި ނިޔަތުގައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކުރިއަށް ދިޔައީ ޖުމްލަކޮށް އަމާންކަމާއި އޮމާންކަމާއެކު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބް ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ ކަމެއް އެ ކޮމިޝަންގެ ޝަކުވާ ބިއުރޯއަށް ހުށަަހަޅާފައި ނުވާ ކަމަށާއި، އެކަމަކު ލ. ފޮނަދޫއާއި އަދި ގދ. ވާދޫގައި ކުޑަވަރެއްގެ ހަމަނުޖެހުމެއް ހިނގައި ދިޔަ ކަމަށެވެ. ފޮނަދޫގެ ފޮއްޓެއްގައި ދޫކުރި ވޯޓު ކަރުދާސްތަކުގައި އިތުރު މާކެއް ހުރި ކަމަށާއި އަދި ފަހުން ނުލާ ހުރި ވޯޓު ކަރުދާސްތަކުގެ ތެރެއިން ވެސް ތިން ކަރުދާހެއްގައި އެފަދަ ފާހަގައެއް ހުރި ކަމަށް ހަބީބު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އެ ފޮށީ ބަންދުކޮށް އާ ފޮއްޓަކަަށް ވޯޓު ލުމުގެ މަސައްކަތަ ފެށި ކަމަށާއި އަދި ވޯޓު ދޫކުރާ މީހާގެ އަތުގައި ގަލަަމެއްވެސް އަދި އަނގޮޓިއެއްވެސް ނޯންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އޮފިޝަލާ މެދު ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އޮފިޝަލަށް ފަހުން ވަނީ އެހެން މަސްއޫލިއްޔަތެއް ހަވާލުކޮށްފައެެވެ.
މީގެއިތުުރުން ވާދޫގައި ވޯޓު ފޮށި ބަންދުކުރަން ފަސް ވަރަަކަށް މިނެޓެއް ވީތަނާ ފޮށި ފަޅާލިކަން ހަބީބް ފާހަގަ ކުރެއްވިއެވެ.
ހަބީބް ވިދާޅުވީ ފޮށި ފަޅާލި މީހާ އެކަން ކުރީ އައިޑީ ކާޑުގެ މައްސަލައަކާ ހެދި ރުޅި އައިސްގެން ކަމަށާއި، ދެ ގޮތަކަށް މައުލޫމާތު މިހާތަނަށް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.އެގޮތުން މީހަކު އޭނާގެ އައިޑީ ކާޑު ފޮރުވީ ކަމަށާއި ނޫނީ އޭނާގެ އައިޑީ ކާޑު ހަދައިދޭން ޖެހޭ މީހުން އެ ކާޑު ހަދައި ނުދިން ކަމަށް އަޑު ފެތުރިފައިވާ ކަމަށް ވިދާޅުވިއެވެ.