ކުންފުނިތައް އުވާނުލާނެ ކަމުގެ ޔަގީންކަން ޑރ. މުޢިއްޒު ދެއްވައިފި


ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި ބައެއް ކުންފުނިތައް އުވާލާނެކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން، ކުންފުނިތައް އުވާނުލާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވަފިއެވެ.
އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކުންފުނިތައް އުވާނުލައްވާނެ ކަމަށާއި، އެއްވެސް މުއައްޒަފަކު މަގާމުން ވަކި ނުކުރައްވާނެ ކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ މަސްލަހަތާއި މިނިވަންކަން ދިފާއު ކުރާނެ ކަމަށާއި، ގެއްލިފައިވާ މިނިވަންކަން ހޯދުމަށް އެއްބައިވަންތަކަން އިސްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ކެމްޕޭނުގައިވެސް އެމަނިކުފާނު ވިދާޅުވަމުން އައި ގޮތަށް އަބަދުވެސް އަމަލުތައް ބަހައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ މެންބަރުންގެ އެންމެބޮޑު އެދުމަކީ ރައީސް ޔާމީން މިނިވަން ކުރުންކަން ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ރިޔާސީ އިންތިހަބުގެ ދެވަނަ ބުރުގައި ރައީސް އިބްރަާހިމް މުހައްމަދު ސޯލިހް އާއި ވާދަ ކުރައްވާ ޑރ. މުއިއްޒު ކާމިޔާބު ހޯއްދެވީ 53.83 އިންސައްތަ ވޯޓުންނެވެ. އެމަނިކުފާނަށް ލިބިވަޑައިގަތް ވޯޓުގެ އަދަދަކީ 127080 އެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 46.17 އިންސައްތަ ވޯޓެވެ. އެއީ 109016 ވޯޓެވެ.
މި އިންތިހާބުގައި 86 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ.
