ރިޔާސީ އިންތިހާބުގެ ނަތީޖާ އަނބުރައިލެއްވީ ރައީސް ޔާމީންގެ ވޯޓުތަ؟

Spread the love

މަލްޓިޕާޓީ ސިސްޓަމަށް ނުވަތަ ގިނަ ޕާޓީ އެކުލެވޭ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރަން ފެށިފަހުން އަބަދު ވެސް އިވޭ އަޑަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުންނަވާ ކޮޅެއް އިންތިހާބު ކާމިޔާބު ކުރައްވާނެ ވާހަކައެވެ.

މާޒީގައި އެކަން ވެފައި އޮތީ ވެސް އެ ބީދައިންނެވެ. 2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާއި ހަމައަށް ކޮންމެ 5 އަހަރަކުން އެއް ފަހަރު ބޭއްވި ރިޔާސީ އިންތިހާބެއްގައި ވެސް ގާސިމް އާއެކު ކޯލިޝަން ހަދާ ޕާޓީއަކަށް ވެރިކަން ލިބެމުން އައިނަމަވެސް 2023 ވަނަ އަހަރުގެ ނަތީޖާ އިން އެއީ މާޒީކަން ހާމަކޮށްދީފިއެވެ.

ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށް ކަމާއި އަބަދު އެއްގޮތަކަށް ނުހިނގާނެ ކަމާއި އަބަދު އެކަކުގެ ފަހަތުން އެނބުރޭ އެނބުރުން ހުއްޓިއްޖެކަން ދައްކައިދީފިއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގަދަފަދަ، ވަރުގަދަ، ރާއްޖޭގެ ޑިމޮކްރަސީގެ ބާރެއް ކަމުގައި ދެކޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މައްޗަށް ޕީއެންސީ އިން ކުރި ހޯދުމަކީ ތާރީޚުގައި “ރަން އަކުރުން” ފަވައިލެވޭނެ ކަމެކެވެ. ހަމައެކަނި ތަފާތުބޮޑު ނަތީޖާއަކުން އެމްޑީޕީ ބަލިކުރެވުނީމައި ނުވަތަ ރާއްޖޭގެ ވެރިކަމަށް އައު ޕާޓީއަކުން އާދެވުނީމާއެއް ނޫނެވެ. އަދި ކޮންމެ 5 އަހަރަކުން ރާއްޖޭގެ ވެރިކަމުގެ “ކުލަ” ބަދަލު ކުރެވުނީމާއެއްވެސް ނޫނެވެ.

މަލްޓިޕާޓީ ނިޒާމުގެ ތެރެއިން މިހާތަނަށް 4 އިންތިޚާބު ބާއްވާފައިވާއިރު، ތިން އިންތިޚާބެއް ވަނީ ދެބުރަށް ގޮސްފައެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ދަނީ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް 50 ޕްލަސް އެއްވޯޓު ނުލިބޭތީއެވެ.

އެހެންނަމަވެސް މިހާތަނަށް 2008، 2013، 2018 އަދި 2023 ގެ ރިޔާސީ އިންތިޚާބުގައި ވެސް ފުރަތަމަ ބުރުން ކުރި ހޯއްދެވި ކެންޑިޑޭޓަށް ދެވަނަ ބުރު ކާމިޔާބު ވެފައި ނުވެއެވެ.

ޕީއެންސީ އާއި ޕީޕީއެމް އަކީ އެއްބަނޑުއެއްބަފާ ދެބެން ކަމަށްވާއިރު، ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ދެބުރު ވެސް ކާމިޔާބު ކުރެއްވި ބޭފުޅަށް މާލޭ ސިޓީގެ މޭޔަރުކަން ކުރައްވާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތުމަކީ ވެސް ތަފާތެއް ފެނިގެން ދިޔަ ކަމެކެވެ. އެހެންކަމުން ޑރ. މުއިއްޒު ވެވަޑައިގަންނަވާނީ ދެބުރުން ވެސް ބޮޑު ކާމިޔާބެއް ހޯއްދަވައި އިންތިހާބު ކާމިޔާބު ކުރެއްވި ފުރަތަމަ ރައީސަށެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ އިންތިހާބުގައި ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ސެޕްޓެމްބަރ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓު ލައްވާފައިނުވާއިރު، ދެވަނަ ބުރުގައި ވަނީ ވޯޓު ލައްވާފައެވެ. އަދި އެމަނިކުފާނު އެންޑޯޒު ކުރެއްވި ކެންޑިޑޭޓު ތަފާތު ދައްކައި، އިންތިހާބު ކާމިޔާބު ވެސް ކުރެއްވީއެވެ.

އެހެންކަމުން ގާސިމް އިބްރާހިމްގެ ފަލްސަފާ ނިމި، ވޯޓުގެ ނަތީޖާ ބަދަލުކުރެއްވީ ރައީސް ޔާމީނުގެ ސަބަބުން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ކޮންމެބަޔަކު ކޮންމެ އެއްޗެއް ކިޔަސް، ކޮންމެ ނަޒަރަކުން ދެކުނަސް “މަހެއް ފަހާލާނެ މަހެއް މޫދުގައި ހުރެދާނެ” ދޯ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com