އެމްޓީސީސީއިން އިންޓްރެސްޓް ބޮޑުކޮށް ބޮންޑު ވިއްކާ ކަމަށްބުނެ ފަތުރަނީ ދޮގު ޚަބަރެއް!


“ދިޔަރެސް” ނޫހުގައި 02 އޮކްޓޯބަރު 2023 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން “އަވަސް އަރުވާލައިގެން އިންޓްރެސްޓް ބޮޑުކޮށް 300 މިލިޔަނުގެ ބޮންޑެއް ވިއްކަނީ” މި ސުރުޙީގެ ދަށުން ޝާއިޢުކޮށްފައިވާ ޚަބަރަކީ ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރެކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޓީސީއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ހެޔޮބަދަލެއް ގެނެސްދިނުމަށްޓަކައ،ި ސަރުކާރުން އެކަށައަޅުއްވައިފައިވާ ރޭވުންތައް ތަންފީޒުކުރާ ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ހައިސިއްޔަތުން، އެމްޓީސީސީ އިން ނިންމަން ހަވާލުކޮށްފައިވާ ގިނަ ތަރައްޤީގެ މަޝްރޫޢުތަކާއި، އިޖްތިމާޢީ ޒިންމާގެ ދަށުން ކޮށްދީ އަދި ކޮށްދެމުން އަންނަ އެކިއެކި މަސައްކަތްތައް ބަލައިގަނެ، ކުންފުންޏަށް ކުރަށްވާ އިތުބާރަށް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
އަދި “ރައްޔިތުންގެ ކުންފުނި” މި ސްލޯގަންގެ ދަށުން އަބަދުވެސް މަސައްކަތްކުރާ އެ ކުންފުނީގެ މަސްލަހަތު އިސްކޮށް އަދި ދިވެހި ޤައުމާއި މުޖުތަމައުއަށް ޚިދުމަތްކުރުމުގެ ރޫހުގައިކަން އެމްޓީސީސީ އިން މަސައްކަތްކުރަމުންދާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައްޔާއި، އެކުންފުނިން ހޯދާއިފާއިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް ކުންފުނި ބަދުނާމުކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަޤީޤަތާއި ޚިލާފު ދޮގު ޚަބަރު ފަތުރަމުންދާކަމީ ހިތާމަކުރާކަމަށް އެމްޓީސީސީ އިން ބުނެއެވެ.
އަދި އެ ބޮންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ރެގިއުލޭޓްކުރަށްވާ ފައިނޭންޝަލް އިންސްޓުރުމަންޓެއްކަމުން، އެކަމުގެ އިދާރީކަންކަން ވޭތުވެދިޔަ 7 މަސްތެރޭ ފުރިހަމަކުރުމަށްފަހު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ mv.viyana://https ޕޯޓަލްގައި ރެޖިސްޓާ ކޮށްގެން މި ބޮންޑުގެ ފުރިހަމަ މަޢުލޫމާތު ކޮންމެ ފަރާތަކަށްވެސް އާންމުކޮށް ފެންނަން ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.
އެގޮތުން މި ބޮންޑަކީ އެ ކުންފުންޏަށް ލިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލްސް ހޯދުމުގެ ބޭނުމުގައި ލިސްޓްކޮށްފައިވާ ބޮންޑެއް ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އެބޮންޑުގެ 9.5 އިންސައްތައިގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރައްޖޭގެ ކޮމާޝަލް އެވަރެޖް ބޮރޯވިންގް ރޭޓާއި އަޅާބަލާއިރު ބޮޑުތަނުން ކުޑަ ރޭޓެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އެމްޓީސީސީއިން ފިކްސްޑް އިންކަމް ބޮންޑެއް ލިސްޓުކުރުމަށް ކޮށްފައިވާ މަސައްކަތުގެ ޓައިމްލައިންއެއް އެނގޭނެހެން އެ ކުންފުނިން ވަނީ އާންމު ކުރައްވާފައެވެ.

