“ފޯއް” ގަތުމަށް މަހެއްގެ ތެރޭގައި ހާހަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

Spread the love

މީޑިއާތަކުގެ ބެލެނިވެރިފަރާތް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން “މީރު ފޯއް” ގަތުމަށް މިދިޔަ އޮގަސްޓްމަހު ހާހަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

އެމްއެމްސީގެ އޮގަސްޓްމަހުގެ ޕްރޮކިއުމަންޓް ރިޕޯޓަށް ބަލާއިރު، ޕްރޮކިއު ޕްލަސް އިން “މީރު ފޯއް” ގަތުމަށް ވަނީ ޖުމްލަ 1،890 ރުފިޔާ ހޭދަކޮށްފައެވެ.

މީޑިއާ ކައުންސިލުން  ދުފުމުގެ ބަޖެޓަށް ދެހާހެއްހާ ރުފިޔާގެ އަދަދެއް ހޭދަކޮށްފައިވާއިރު، ދުފުމަކީ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ވަރަށް ނުރައްކާތެރި އާދައެކެވެ. ޑޮކްޓަރުން ފާހަގަކުރާގޮތުގައި ރާއްޖޭގައި އަނގައިގެ ކެންސަރުގެ ކޭސްތައް އަހަރަކަށްވުރެ އަހަރެއް ގިނަވަމުންދާއިރު، އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިކޮށްދޭ މައިގަނޑު އެއްކަމަކީ ދުފުމެވެ.

މީޑިއާ ކައުންސިލްގެ އެމަހުގެ ޕްރޮކިއުމަންޓަށް ބަލާއިރު، ކަރަންފޫ ގަތުމަށް ވަނީ 324 ރުފިޔާ ހަރަދުކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަކީ ރާއްޖޭގެ މީޑިއާތަކުގެ ބަލަދުވެރި ފަރާތެވެ. މީޑިއާގެ މިނިވަންކަން ޤާނޫނު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށްދިނުމާއި، ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ޤާއިމްކޮށްދިނުމަކީ މީޑިއާ ކައުންސިލްގެ މައިގަނޑު މަސައްކަތެވެ.

މީގެ އިތުރުން މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމަކީވެސް މީޑިއާ ކައުންސިލްގެ ޒިއްމާއެކެވެ.

މީޑިއާ ކައުންސިލްގެ ޒިންމާ މިގޮތަށް އޮތްނަމަވެސް ޒާތީގޮތުން މީހުންގެ އަބުރުކަތިލުމާއި، ސާބިތުނުހިފޭ ދޮގު ހަބަރުތައް މީޑިއާގެ އެކި ވަސީލަތްތަކުގައި ފަތުރަމުންދާއިރު، މީޑިއާ ކައުންސިލަށް އެކަންކަން ނުހުއްޓުވޭކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com