މަކުނުދޫން ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް، 215 ގޯއްޗަށް ހުޅުވާލައިފި


ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު އިސްލާހުކޮށް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
މަކުނުދޫން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އިސްލާޙް ގެނެސް އެރަށު ކައުންސިލުން އިއްޔެ ވަނީ އެ އިސްލާހާއެކު އެ އުސޫލު ޢާންމުކުރައްވާފައެވެ.
މި އުސޫލުގެ ދަށުން އެރަށުން 2400 އަކަފޫޓުގެ 215 ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވާއިރު، އެރަށުން ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު (އޮކްޓޯބަރު 4 ވާ ބުދަ ދުވަހުގެ) މެންދުރު 12 އިން ފެށިގެން ހުޅުވާލާނެއެވެ. އަދި އެ ފުރުސަތު 10 ދުވަހުގެ މުއްދަތަކަށް އޮންނާނެ ކަމަށް މަކުނުދޫ ކައުންސިލުން ވިދާޅުވެއެވެ.
މަކުނުދޫ ކައުންސިލުން ވިދާޅުވީ ގެވަޅާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ، އެ ކައުންސިލުގެ އެސޯސިއޭޓް ކައުންސިލު އޮފިސާ ނަޝްވާ އަހްމަދު ފައިސަލް 9720343 އަށް ގުޅުއްވުމަށް އެދޭ ކަމަށެވެ.
އެރަށުން މިއަހަރުގެ ޖޫން މަހުވެސް ގޯއްޗަށް ހުޅުވާލިއެވެ. އެފަހަރު ހުޅުވާލީ 2000 އަކަފޫޓްގެ 73 ގޯއްޗަށެވެ.
