އަރަބިއްޔާ ސުކޫލްގެ ކަންކަން ބޮއްސުންލައިފި : ޕީޓީއޭގެ ނައިބު


އަރަބިއްޔާ ސުކޫލްގެ ޕްރިންސިޕަލް އެއްފަރާތްކޮށްފައި ހުރުމުގެ ސަބަބުން ކަންކަން ވަރަށް ބޮޑަށް ބޮއްސުންލައިފި ކަމަށް އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ބެލެނިވެރިންގެ ޖަމްޢިއްޔާގެ ނައިބު ރައީސް ޔޫސުފު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަރަބިއްޔާ ސުކޫލް ހިންގުމުގައި ހުރި ގިނަ މައްސަލަތަކުގެ ވާހަކަ ޙިއްސާ ކުރައްވަމުން ޔޫސުފު ވިދާޅުވީ ޢަރަބިއްޔާ ސުކޫލުގެ ހިންގުމުގައި ހުރި މައްސަލަތައް ތަކުރާރުކޮށް ސޯޝަލްމީޑިއާގައި ޙިއްސާ ކުރައްވަމުން ދާ ސަބަބުތަކުގެ ތެރޭގައި ސުކޫލްގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވެފައި ވާއިރު، އެ ސުކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު މަޤާމުން އެއްކިބާ ކޮށްފައި ހުންނަތާ 11 ވަރަކަށް މަސް ދުވަސް ވެފައިވާ ކަމަށާ އަދި ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަކާ ހިންގުމުގެ ކަންކަން ބަލަހައްޓަވާ ފަރާތް ކަމުގައިވާ އެޑްމިނިސްޓްރޭޓަރގެ މަޤާމުވެސް ހުސްކޮށް އޮތުން ހިމެނޭ ކަމަށެވެ.
ޢަރަބިއްޔާ ސުކޫލުގައި ހުރި މައްސަލަތަކާއިމެދު ކަންބޮޑުވުން ފާޅު ކުރައްވަމުން ޔޫސުފު ވިދާޅުވީ އެންމެ ޑެޕިއުޓީ ޕްރިންސިޕަލެއް ހުންނަވައިގެން ހިންގާ އެ ސުކޫލުގައި ޓީޗަރުންނާ ފޮތްތައް ވެސް ހަމަވެފައި ނުވާ ކަމަށެވެ.
ޔޫސުފް ވިދާޅުވީ މިހަފުތާގައި އޮތް ޢަރަބި އޭ ލެވެލް އިމްތިޙާނު އޮތްކަން ކުދިންނަށް އެންގީ އިމްތިޙާނު ފެށޭ ގަޑި ޖެހެން 30 މިނިޓަށް ވެފައި ވަނިކޮށް ކަމަށެވެ. އަދި މިދިޔަ އަހަރުވެސް އެގޮތަށް އިމްތިޙާނު އޮތްކަން ނޭނގި ޢަރަބި އޭ ލެވެލް އިމްތިޙާނު ގެއްލިގެން ދިޔަ ކަމަށް ޔޫސުފް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މިދިޔަ އަހަރު ޤަޠަރުން ލިބުނު ސްކޮލަރޝިޕެއްގައި ބައިވެރިވާން ދަރިވަރުންގެ ބެލެނިވެރިން އެޕްލިކޭޝަން ފޯމުތަކާ ލިޔެކިޔުންތައް ސުކޫލަށް ހުށަހަޅާފައި ވާކަމަށާ ނަމަވެސް އެ ލިޔެކިޔުންތައް ދާންވާ ހިސާބަށް ނުގޮސްގެން އެ ސްކޮލަރޝިޕްގެ ފުރުސަތު ގެއްލިއްޖެ ކަމަށް މަޢުލޫމާތު ލިބިފައި ވާކަމަށް ޔޫސުފް ވިދާޅުވިއެވެ.
މިހުރިހާ ސަބަބުތައް މިހެން ހުރުމުން ޢަރަބިއްޔާ ސުކޫލްގެ ކަންކަން ވަރަށް ބޮޑަށް ބޮއްސުންލާފައި ވާކަމަށް ދޭހަވާ ކަމަށާ އެކަންކަމާއި ގުޅިގެން ޕީޓީއޭގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް ސުކޫލްގެ އިދާރާގައި އެދުނު ނަމަވެސް އެކަމަށް ސުކޫލުން އެއްބާރުލުން ނުދެއްވާ ކަމަށާ ވަކިން ބައްދަލު ކުރައްވަން ޑެޕިއުޓީ ޕްރިންސިޕަލަށް ދެންނެވުމުން އެފުރުސަތު އަދި ނުދެއްވާ ކަމަށް ޔޫސުފް ވިދާޅުވިއެވެ.
ޔޫސުފް އިތުރަށް ވިދާޅުވީ މި ކަންކަމުގެ ސަބަބުން ދަރިވަރުންނަށް ގެއްލުންތަކެއް ވާކަމަށާ ސުކޫލް ހިންގުމުގައި މިހާ ގިނަ ދަތިތަކެއް ހުރެގެން ދަރިވަރުންނަށް ތަޢުލީމު ދިނުމުގެ ފުރުސަތަށް ހުރަސްއެޅިގެން ދާތީ މިކަމުގައި ސުކޫލްގެ ބެލެނިވެރިންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އެބަހުރި ކަމަށާ ނަމަވެސް އެކަންތައް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅޭނެ ގޮތެއްވެސް ނެތްކަމަށެވެ.
ޔޫސުފް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީއާ ބައްދަލު ކުރައްވަން އެދިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށާ އެހެން ނަމަވެސް އެ ފުރުސަތު ވެސް އަދި ލިބިފައި ނުވާ ކަމަށެވެ.
ސަރުކާރާ ދެކޮޅަށް ބެލެނިވެރިންނާ އެއްކޮޅަށް މަސައްކަތް ކުރެއްވުން ކަހަލަ ތުހުމަތު ތަކެއްގައި އެޑިޔުކޭޝަން މިނިސްޓްރީން އެއްފަރާތް ކުރި، ޢަރަބިއްޔާ ސުކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝުޖާއު އެ މަޤާމަށް އަނބުރާ ރުޖޫޢަ ކޮށްދެއްވުމަށް ޔޫސުފް ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
800 އަށްވުރެ ގިނަ ދަރިވަރުން ޢަރަބިއްޔާ ސުކޫލުގައި ތަޢުލީމު ޙާސިލް ކުރަމުން އަންނައިރު، މި ސުކޫލަކީ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފޯރުކޮށް ދިނުމަށް ޚާއްސަ ކޮށްފައިހުރި ހަމައެކަނި ސުކޫލު ކަން ފާހަގަ ކުރެވެއެވެ.
