ތިލަފުށީ ކުޑަގިރި ފަރަށް އެރި އިންޑިއާ ބޯޓު ފުރުން މަނާކޮށްފި


ކ. ތިލަފުށީ ކުޑަގިރި ފަރަށް އަރައިގެން ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ އިންޑިއާގެ މުދާ އުފުލާ ބޯޓު, ފުރުން މަނާކޮށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
މި މައްސަލައަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ފަރާތުން ދިވެހި ދައުލަތުގެ ނަނުގައި އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ސމތ. ޓ. ޖެސިންތަ އާއި ބިގް ވޭވް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އިންޑިއާގެ މުދާ އުފުލާ ބޯޓު, (އެމްއެސްވީ. މަރިޔާ ސިންތަޔާތިރައި ރިޔާނާ) 31 ޖަނަވަރީގައި ކ. ތިލަފުށި ކުޑަގިރި ފަރަށް އެރުމާ ގުޅިގެން ތިން މިނިލަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވީ ނަމަވެސް، މިހާތަނަށް ވެސް އެ ޖޫރިމަނާ ފައިސާ ދައްކާފައިނުވާތީ، ޝަރީއަތް މެދުވެރިކޮށް އެ ފައިސާ އެކީ އެއްފަހަރާ ހޯދުމަށް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.
އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ސމތ. ޓ. ޖެސިންތަ އަށް ދައުވާ ކޮށްފައި ވަނީ އުޅަނދުގެ ވެރިފަރާތުގެ ހައިސިއްޔަތުންނެވެ. ބިގް ވޭވް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދައުވާ ރައްދު ކޮށްފައި ވަނީ އުޅަނދުގެ ރާއްޖޭގެ އެޖެންޓްގެ ހައިސިއްޔަތުންނެވެ.
މި ދައުވާއާ ގުޅިގެން ދިވެހި ދައުލަތުން ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އެއީ އެ ބޯޓު ރާއްޖެއިން ފުރައިގެން ދިއުން ހުއްޓުވައިދިނުމަށާއި އުޅަނދަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އުޅަނދާ ގުޅިގެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ.
އެ މައްސަލަ ބެލުމަށްފަހު، ސިވިލް ކޯޓުގެ ގާޒީ ސިނާން އަލީ ކުރެއްވި ހުކުމުގައި ވަނީ، އީޕީއޭއިން ކޮށްފައިވާ ދައުވާއާ ގުޅިގެން މި މައްސަލަ ކޯޓުން ބަލައި، ގޮތެއް ކަނޑައެޅުމުގެ ކުރިން ނުވަތަ ކޯޓުން އެހެން ގޮތަކަށް ކަނޑައެޅުމާ ހަމައަށް، މި ދައުވާގައި ބަޔާންކުރާ ބޯޓު ރާއްޖެއިން ފުރުން މަނާ ކުރުމާ އެކު، އުޅަނދަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އުޅަނދާ ގުޅިގެން ތިންވަނަ ފަރާތެއްގެ ހައްގެއް އުފަންވެދާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އުޅަނދުގެ ވެރިފަރާތަށާއި އުޅަނދުގެ ރާއްޖޭގެ އެޖެންޓުގެ މައްޗަށާއި އަދި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރު ކުރާ ކަމަށެވެ.
އެ ބޯޓު ފުރުވާލުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ހުއްދަތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން ހުއްޓުވާފައިވާތީ އާއި އެ ބޯޓަކީ ލަކުޑި ބޯޓަކަށް ވެފައި، ފަރަށް އެރުމުގެ ސަބަބުން ބޯޓަށް ދިޔަވަމުންދާތީ އާއި ބޯޓުގެ ދިޔަ ހިއްކައި ފެންމަތީގައި ބާއްވަން ކުރަންޖެހޭ ހަރަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދިއުމާއި ބޯޓު ނުފުރި އޮންނަ ކޮންމެ ދުވަހަކު މާލީ އެތައް ގެއްލުމަކާއި ކުރިމަތިވަމުންދާތީ، ބޯޓު ފުރުން މަނާކޮށްފައި އޮތީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެ ބޯޓުގެ ރާއްޖޭގެ އެޖެންޓް ބިގް ވޭވް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މީގެކުރިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
ނަމަވެސް އެ މައްސަލައިގައިވެސް، ބޯޓު ފުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެދީފައެއް ނުވެއެވެ.
