ޕާސްޕޯޓް ގެއްލިގެން ކުރާ ޖޫރިނަމާ 2،000ރ. އަށް


ޕާސްޕޯޓް ގެއްލިގެން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދަން ނިއްމައި ފިއެވެ.
މި ބަދަލު ގެންނަން ނިންމީ ަގެޒެޓްކޮށްފައިވާ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދުގަ އެވެ. އޭގައި ބުނެފައި ވަނީ ޕާސްޕޯޓް ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާ އެކު ހުށަހެޅުމުން 2،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާކުރާނެ ކަމަށެެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް ގަވާއިދުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން އާ ގަވާއިދުގައި ބުނެފައިވަނީ ޕާސްޕޯޓުގެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތް ނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެ އިން ބޭރަށް ފުރާ އިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް އިމިގްރޭޝަނުން ދޫކުރާނެ ކަމަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000-20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އެއީ ފުރަތަމަ ފަހަރު 5،000ރ. އަދި ދެވަނަ ފަހަރު 10،000ރ. އަދި ތިން ވަނަ ފަހަރު 20،000ރ. އެވެ.
