އަންނަ އަހަރުގެ ބަޖެޓް 50 ބިލިއަނަށް

Spread the love

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް 50 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފިސްކަލް ސްޓްރެޓެޖީ ބަޔާނުގައިވާ ގޮތުން އަންނަ އަހަރުގެ ޖުމުލަ ހަރަދު 48 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާކުރެވޭ އިރު، ރިކަރަންޓް ހަރަދަށް 33 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން މިހާރު ކުރަމުން އަންނަ އިރު، މިކަމުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ފަރާތުން ވެސް އެހީތެރިކަން އަންނަނޯ ހޯދަމުންނެވެ. އެގޮތުން ބަޖެޓްގައި އޭނަ ހިމަނުއްވަން ބޭނުންވާ ކަންކަމަށް ވަނީ ފުރުސަތު ދީފަ އެވެ.

މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ.

އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރަށް މަޝްރޫއުތައް ހިންގަން 15 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އޭގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހާއްސަކުރި އަދަދަކީ 11 ބިލިއަނެވެ. “ނިއު ޕޮލިސީ އިނީޝީއޭޓިވް” ގެ ދަށުން އާ ކަންކަމަށް 1.3 ބިލިއަން ހޭދަކުރަން ކަނޑައަޅާފައިވާ އިރު، ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ބަޖެޓު ޑެފިސިޓް ހުންނާނީ 9.8 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން 8.5 ޕަސެންޓެވެ.

އަންނަ އަހަރު ވެސް ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ މި އަހަރާ ދާދި އެއްވަރެއްގަ އެވެ. އެއީ 111 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com