ބިދޭސީން ރާއްޖެއިން ފުރާއިރު ޕެންޝަން ފައިސާ ނެގޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި


ބިދޭސީން ރާއްޖެއިން ފުރާއިރު ޕެންޝަން ފައިސާ ނެގޭ ގޮތަށް ދިވެހިރާއްޖޭގެ ރިޓަޔާމަންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ ގަވާއިދު އިސްލާހު ކޮށްފިއެވެ.
ކުރީގައި އޮތް ގަވައިދުގައި ވާގޮތުން މުވައްޒަފަކު ރާއްޖެއިން ފުރުމުގެ ތިން މަސް ކުރިން ޕެންޝަން ފައިސާ ނަގަން އެދިފައި ނުވާ ނަމަ އެ ފައިސާ ދޫކުރަނީ އެ މީހެއްގެ އުމުރުން 65 އަހަރުވުމަށްފަހުގައެވެ.
ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ދޫކުރަނީ އެކަމަށްޓަކައި ޕެންޝަން އޮފީހުން ތައްޔާރުކޮށްފައިވާ ފޯމު ހުށަހެޅުމުން ކަމަށްވާއިރު އެ ފޯމު ޕެންސަން އޮފީހުން ލިބޭނެކަމަށް މައުލޫމާތުދެއެވެ. ބިދޭސީއަކު ރާއްޖެ ދޫކޮށް ދާން ނިންމާ ހިސާބުން އެ ފޯމު ހުށަހެޅޭއިރު ޕެންޝަން ފައިސާ ނަގައިފައިވާ ބިދޭސީ މުވައްޒަފަކަށް ވެސް ޕެންޝަން ސްކީމުގައި އަލުން ބައިވެރިވެވިދާނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައިވީނަމަވެސް އެފަދަ ބިދޭސީއެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވާ ފައިސާ ދެވަނަފަހަރަށް ދޫކުރެވޭނީ އެ ިބދޭސީ މުވައްޒަފެއްގެ އުމުރުން 65 އަހަރު ފުރުމުން ކަމަށް ވެސް ގަވާއިދުގައި ބުނެއެވެ.
އެ ގަވާއިދުގައި ބުނެފައިވަނީ ބިދޭސީ މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކުރެވޭނީ ދިވެހި ރުފިޔާއިން ކަމަށާއި ޕެންޝަން ފައިސާ ޖަމާކުރެވޭނީ ރާއްޖޭގައި ހިންގާ ބޭންކެއްގައި އެ ބިދޭސީ މުވައްޒަފެއްގެ ނަމުގައި ނުވަތަ އެ ބިދޭސީ މުވައްޒަފަކު ކަނޑައަޅާ އެހެން މީހެއްގެ ނަމުގައި ހުޅުވައިފައިވާ ރުފިޔާގެ އެކައުންޓެއްގައި ކަމަށެވެ.
މީގެ އިތުރުން ބިދޭސީ މުވައްޒަފަކު ނިޔާވެއްޖެނަމަ އެ ބިދޭސީ މުވައްޒަފެއްގެ ރިޓަޔާމަންޓް ސޭވިންގްސް އެކައުންޓަށް ޖަމާވެފައިވާ އެންމެހައި ފައިސާ ހޯދުމަށް އެދި އެ ބިދޭސީ މުވައްޒަފެއްގެ ވާރިސުންނަށް ޕެންޝަން އޮފީހަށް ހުށަހެޅޭއިރު ފޯމު މެދުވެރިކޮށް ބިދޭސީ މުވައްޒަފު ނިޔާވެފައި ވާކަން އެނގޭނެ ރަސްމީ ލިޔެކިޔުމާއި ވާރިސުންނަކީ ކޮން ބައެއްކަމާއި އެ ވާރިސުންނަށް ޕެންޝަން ފައިސާ ހައްގުވާކަމަށް ބަޔާންކޮށް އެ ގައުމެއްގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް ނުވަތަ އަމުރެއް ޕެންޝަން އޮފީހަށް ހުށަހެޅަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.
