ވަރިކުރިފުޅަށް އިންޒާރުދީ ވަޅިން ބިރުދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި


ކުރީގެ އަނބިމީހާއަށް އިންޒާރުދީ ވަޅިން ބިރުދެއްކިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ މީހެކެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އަމުރުކުރީ 15 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށެވެ.
ކޯޓުގައި އޭނާ ވަނީ ތުހުމަތަށް އިންކާރުކޮށްފައެވެ. އޭނާ ބުނީ ކުރީގެ އަނބިމީހާއާ ދެމެދު ހިނގީ ޒުވާބެއް ކަމަށާއި ވަޅިން ބިރުދައްކާފައި ނުވާނެ ކަމަށެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާއަކީ ހައްޔަރު/ބަންދުގެ ރެކޯޑް އޮތް މީހެކެވެ.
