ފޭސް ތިނަކުން 10 ހެކްޓަރުގެ ބިން ހިއްކައިފި


ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުން ޕްރޮޖެކްޓުގެ ދަށުން ފުރަތަމަ މަރުހަލާގެ ބިން ހިއްކައި ނިމިއްޖެ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ފުރަތަމަ މަރުހަލާގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 22 ގަ އެވެ. ފުރަތަމަ މަރުހަލާގެ ދަށުން 10 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެވަނަ މަރުހަލާގެ ދަށުން 53 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
އާބަންކޯ އިން މިއަދު ބުނީ “ސައިޓް އޭ”ގެ މަސައްކަތުގައި ހިއްކާފައިވަނީ 10 ހެކްޓަރުގެ ބިން ކަމަށެވެ. އަދި މިހާރު މަސައްކަތްތައް ފަށާފައިވާ “ސައިޓް ބީ” ގައި 26 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުނެ އެވެ.
ސައިޓް ބީ ހިއްކަން ފަށާފައިވާއިރު އެ ސަރަޙައްދަކީ، ޔޮޓް ސަފާރީ ފަދަ އުޅަނދުތައް ބަނދަރުކުރަމުން އަންނަ ސަރަހައްދު ކަމުން އެ ސަރަޙައްދުގައި ހުރި އުޅަނދުތައް ނަގާ، އިތުރު ސަރަޙައްދުތަކަށް އުޅަނދުތައް ގެންދިއުމަށް އާބަންކޯ އިން ވަނީ އެދިފަ އެވެ.
ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.
