އިޒްރޭލްގެ ޕާސްޕޯޓް ރާއްޖެއިން ބަލައިނުގަތުމަށް ކެމްޕެއިނެއް, ސަރުކާރުން ހަނު


ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އިޒްރޭލްގެ ޕާސްޕޯޓް ރާއްޖެއިން ބަލައިނުގަތުމަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ހިންގަމުންދާއިރު ސަރުކާރުން އެކަމުގައި ހަނު ހުންނާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާން ފަށައިފި އެވެ.
ރާއްޖެއަކީ 1974 ވަނަ އަހަރުން ފެށިގެން އިޒްރޭލާ ހާރިޖީ ގުޅުން ކަނޑާލާފައިވާ ގައުމެކެވެ. އިޒްރޭލްގައި އުފައްދާ މުދާ ރާއްޖެ އެތެރެކުރުން ވެސް މަނަލެވެ. ނަމަވެސް އިޒްރޭލްގެ ޕާސްޕޯޓް އޮންނަ އެ ގައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދަ އޮވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް މިހާރު އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި 3,000 އާ ގާތްކުރާ އަދަދެއްގެ މީހުން މަރުވެފައިވާއިރު އެކަން ކުށްވެރިކޮށް ބަޔާނެއް ނެރުން ފިޔަވައި އިތުރު ކަމެއް ސަރުކާރުން މިހާތަނަކަށް ނުކުރެ އެވެ. އިޒްރޭލްގެ ޕާސްޕޯޓް ބަލައިނުގަތުމަށް ގިނަ ބަޔަކު ގޮވާލަމުން ދިޔަ ނަމަވެސް އެކަމަށް ސަރުކާރުން ޖަވާބެއް ނުދެ އެވެ.
ރާއްޖެއަކީ މި ސަރަހައްދުގެ އިސްލާމީ ގައުމުތަކުގެ ތެރެއިން އިޒްރޭލް ރައްޔިތުންނަށް ވިސާއާ ނުލައި އެތެރެވެވޭ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. މި ސަރަހައްދުން ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ އިސްލާމީ ގައުމުތަކުން އިޒްރޭލްގެ ޕާސްޕޯޓް ބަލައެއް ނުގަނެ އެވެ. އިޒްރޭލްގެ ރައްޔިތުންނަށް އެ ދެ ގައުމަށް އެތެރެވެވެނީ ހާއްސަ ހުއްދައެއް ލިބިގެންނެވެ.
ދުނިޔޭގެ އިސްލާމީ އެހެން ގިނަ ގައުމުތަކުން ވެސް އާންމު އުސޫލެއްގެ ގޮތުން އިޒްރޭލްގެ ޕާސްޕޯޓް ބަލައިނުގަނެ އެވެ. ސައުދީ އަރަބިއާ އާއި މިސްރު ފަދަ ގައުމުތަކަށް އިޒްރޭލްގެ ޕާސްޕޯޓްގައި އެތެރެވެވެނީ ވަކި އުސޫލުތަކުގެ ތެރެއިންނެވެ. އެހެން އިސްލާމީ ގައުމުތަކަށް އިޒްރޭލްގެ ޕާސްޕޯޓްގައި އެތެރެވެވޭނީ ހާއްސަ ހުއްދައެއް ހޯދައިގެންނެވެ.
ރާއްޖޭގައި އޮންނަ ގޮތަށް ފަސޭހައިން އިޒްރޭލް ރައްޔިތުންނަށް އެތެރެވެވެނީ ތުރުކީ ފަދަ މަދު ގައުމުތަކަކަށެވެ
