އާމްދަނީ އިތުރުވިނަމަވެސް، އިމްޕޯޓް އަދި އެކްސްޕޯޓް ދަށަށް

Spread the love

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވީނަމަވެސް، އިމްޕޯޓް އަދި އެކްސްޕޯޓްކުރި މުދަލުގެ މިންވަރު ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަމަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 3 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔައަހަރުގެ ސެޕްޓެމްބަރުމަހު ދައުލަތަށް 350 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު މި ޢަދަދުވަނީ 360 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އާމްދަނީ އިތުރުވިނަމަވެސް އިމްޕޯޓް އަދި އެކްސްޕޯޓްވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާއި އަޅާބަލާއިރު ނިމުނު ސެޕްޓެމްބަރުމަހު ވަނީ ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކޮށްފައިވަނީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު 3 އިންސައްތަ ދަށްވެ، 4.3 ބިލިއަން ރުފިޔާއަށް ވަނީ އިމްޕޯރޓް ވެއްޓިފައެވެ.
އެކްސްޕޯޓަށް ބަލާއިރު ނިމުނު ސެޕްޓެމްބަރުމަހު ރާއްޖެއިން 86 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްޕޯޓްކޮށްފައިވާ 149 މިލިއަން ރުފިޔާގެ މުދަލާއި އަޅާބަލާއިރު 43 އިންސައްތަ ދަށްވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އަދި ސެޕްޓެމްބަރުމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، އިންޑިއާ އަދި ޖަރުމަނުވިލާތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com