ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް 8.3 މިލިއަން ރުފިޔާ!

plastic-bag-bundle
Spread the love

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ އިން ދައުލަތަށް މިހާތަނަށް 8.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެފިއެވެ.

ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ވާ ގެއްލުން ކުޑަކުރުމަށްޓަކައި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހުގެތެރޭގައެވެ. މިއާއެކު މީރާގެ އާމްދަނީ ރިޕޯޓުގައި މިދިޔަ މެއިމަހުން ފެށިގެން ޕްލާސްޓިކް ކޮތަޅު ފީއިން ލިބޭ އާމްދަނީ ވަނީ ހިމަނަން ފަށާފައެވެ.މީރާއިން އެންމެފަހުން އާއްމުކޮށްފައިވާ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ އާމްދަނީ ރިޕޯޓުގައިވާގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިހާތަނަށް އެންމެ މަދުން އާމްދަނީ ލިބުނީ ނިމުނު ސެޕްޓެމްބަރުމަހުއެވެ. ސެޕްޓެމްބަރުމަހު ޕްލާސްޓިކް ކޮތަޅުގެ ފީގެގޮތުގައި ލިބިފައިވަނީ 4 ލައްކަ ރުފިޔާއެވެ. މި ފީގެ ގޮތުގައި ލިބުނު އާމްދަނީ އެންމެ ބޮޑީ އޮގަސްޓްމަހުއެވެ. އެއީ 1.71 މިލިއަން ރުފިޔާއެވެ.

ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ

މޭ – 1.17 މިލިއަން ރުފިޔާ
ޖޫން – 778698 ރުފިޔާ
ޖުލައި – 4.18 މިލިއަން ރުފިޔާ
އޮގަސްޓް – 1.71 މިލިއަން ރުފިޔާ
ސެޕްޓެމްބަރ- 484246 ރުފިޔާ
ޖުމްލަ – 8.3 މިލިއަން ރުފިޔާ

ވިޔަފާރިކުރުމުން ކަސްޓަމަރަށް ދޭ ކޮތަޅުން 2 ރުފިޔާ ނެގޭގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ.

ޤާނޫނަށް ގެނައި އިސްލާހާއެކު ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކި ނަމަވެސް ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް -/2 ރުފިޔާގެ ރޭޓުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންޖެހެއެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އޭގެ އަގުން ޖީ.އެސް.ޓީވެސް ނަގަންޖެހެއެވެ.

ކޮތަޅުން 2 ރުފިޔާގެ ޓެކްސްއެއް ނެގުމަށް ޤާނޫނަށް ގެނައި އިސްލާހާއިއެކު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އޭރު ހުށަހެޅުމުން ސަރުކާރުން ވަނީ ޤަނޫނު އިސްލާހު ކުރުމަށް މެއި މަހުގެ ތެރޭގައި ހުށަހެޅާފައެވެ. އެގޮތުން ސަރުކާރުން މިމަހު މަޖިލީހަށް ހުށަހެޅި ކުނި މެނޭޖުކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގައި ބިލުގައި ވަނީ ކޮތަޅަކުން ނަގަމުން އަންނަ 2 ރުފިޔާގެ ބަދަލުގައި 50 ލާރި ނެގުމަށް ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com