އާބަންކޯއިން ޖާހުގެ ފުލެޓުތައް ނިންމަނީ


ޖާހް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ދަ ގާޑްންސްގެ ނުނިމި ބާކީ ހުރި މަސައްކަތް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފިއެވެ.
ދަ ގާޑަންސްގެ މަސައްކަތް އާބަންކޯއިން މިއަދު ފަށާފައިވާއިރު، މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ ފުލެޓުތަކުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައި، ޙައްޤުވެރިންނާ ހަވާލު ކުރާނެ ކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.
ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ދަ ގާޑްންސްގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދާ މަސައްކަތުގެ ތެރޭގައި، 10 ވަނަ ފަންގިފިލާއިން ތިރީ ފަންގިފިލާތަކުގެ ފިނިޝިން މަސައްކަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޕްލާސްޓަރިން، ޕުޓީގެ މަސައްކަތާއި، މުށިޖެހުމާއި އަދި ސީލިންގ ކުރުމުގެ މަސައްކަތް ދަނީ ހިންގަމުންނެވެ.
އާބަންކޯއިން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ އެ މަސައްކަތްތައް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމައިލުން ކަމަށެވެ.
