ފްލެޓް ލިބޭ 4000 މީހުން ކަނޑައެޅުމުގައި އުސޫލެއް ނެތް

Spread the love

މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ 4000 މީހުން ކަނޑައެޅުމުގައި އެއްވެސް ކަހަލަ އުސޫލެއްނެތް ކަމަށް ތުހުމަތުކޮށް އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ އާންމުންގެ އެކުވެރި ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު އެވެ. މިދުއަމް އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ސަރުކާރުން އިއުލާނުކުރި ގެދޮރުވެރިޔާ ސުކީމުގެ ދަށުން 13،000 މީހުންނަށް ފުލެޓު ދޫކުރާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، ސަރުކާރުން ފަށާފައިވަނީ އެންމެ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން 10،000 އެއްހައި މީހުންނަށް ފޯރުކޮށްދޭން ސަރުކާރުން ބުނި ފުލެޓުތަކުގެ މަސައްކަތް ފެށިފައި ނުވާއިރު އެކަމަށް ބޭނުންވާ ފައިސާވެސް ހަމަޖެހިފައިނުވާ ކަމަށް މިދުއަމް ހުށަހެޅި މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.

ޝަރުތު ހަމަވާ އެންމެންނަށް ފްލެޓު ދޭން ނިންމި ނަމަވެސް، އެންމެ ފުރަތަމަ ލިޔުން ދޭނީ މިހާރު ހަދަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންނަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފައި ވާއިރު މިދުއަމް ހުށަހެޅި މައްސަލައިގައި ވަނީ ފްލެޓް ލިބޭނެކަމަށް ކަނޑައެޅި މީހުންގެ ލިސްޓުގައި ލިބުނު ޕޮއިންޓް އާންމުކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި ފުލެޓު ލިބޭނެ ފަރާތްތައް ކަނޑައަޅަނީ އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް ފުލެޓު ލިބުނު 13،000 މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާފައި ނުޥާކަމަށާއި އެކަން ކުރުމަށް އެކަށީގެންވާ ވަގުތުވެސް ނެތްކަމަށް މިދުއަމް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައިގައި މިދުއަމް ވަނީ ފުލެޓު ލިބޭނެކަމަށް ބުނި 13،000 މީހުންގެ ތެރެއިން މިހާރު އަޅަމުންދާ 4،000 ފުލެޓު ލިބޭނެ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވައިލާ އާންމުކޮށްފައި ނުވާ ކަމަށް ވެސް ބުނެފައެވެ،

އެހެންކަމުން ސަރުކާރުން އާންމުނުކުރާ ސިއްރު އުސޫލެއްގެ ދަށުން މިހާރު އަޅަމުންދާ 4000 ފްލެޓް، އާންމުކޮށް އެކަން ކުރާ އުސޫލާ ހިލާފަށް، ފްލެޓް ލިބުނު އެންމެންގެ ހާލަތު ބަލާ ނުނިމެނީސް އަދި އިންތިގާލީ މަރުހަލާގެ އެންމެ ފަހު ދުވަސްކޮޅު ކަނޑައެޅޭނެ އެެއްވެސް ގޮތެއް ނެތްކަމަށް މިދުއަމް ވަނީ ބުނެފައެވެ.

އެފަދަ އުސޫލެއް ނެތި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ފަހު ދުވަސްތަކުގައި ވަކި ބަޔަކަށް ފުލެޓުތައް ދީފިނަމަ އެކަމެއް ބަލައި، ހައްލުކުރުން ދެން އަންނަ ސަރުކާރަށް އުދަގޫ ވާނެކަމަށް މިދުއަމް ވަނީ ބުނެފައެވެ. އެހެންކަމުން ފްލެޓް ލިބުނު ގިނަ ބައެއްގެ ހައްގު ހޯދައި ދިނުމަށް މިމައްސަލަ ބަލައި ދިނުމަށް މިދުއަމް ވަނީ އެދިފައެވެ.

މި ސަރުކާރުން ކުރިޔަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އަންނަ އާދިއްތަ ދުވަހު އާންމުކުރުމަށް ނިންމާފައިވާއިރު މި 4000 މީހުން ކަނޑައަޅާނެ ގޮތެއް އަދި ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com