ފެނަކައިގައި ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާ


ފެނަކައިގެ ދަރަނި އޮތީ 4.1 ބިލިއަން ރުފިޔާގައި ކަމަށާއި އެހެންވުމުގެ ސަބަބުން ކުންފުނީގެ ހާލަތު ވަރަށް އުނދަގޫ ހާލަތަކަށް ގޮސްފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ފެނަކައިގެ ހާލަތަށް ބަލާއިރު 2022 ވަނަ އަހަރަށް ފެނަކައިގެ ޖުމްލަ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކިއެކި ސަޕްލަޔާރުންނަށް ނުވަތަ ވިޔަފާރިތަކަށް އަދާކުރަން ޖެހިފައި ވަނީ 3.2 ބިލިއަން ރުފިޔާ ކަމަށާއި އަދި ލޯނުތަކުގެ ގޮތުގައި އަދާކުރަން ޖެހިފައިވަނީ 901 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.
އެ ދަރީގެ ތެރެއިން 4.1 ބިލިއަން ނުވަތަ 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ ބިލްތަކަށް ފައިސާދައްކަންޖެހޭ މުއްދަތު ހަމަވެ އޭގެ ފަހަށް އެއް އަހަރު ދުވަހަށްވުރެ ގިނަ ދުވަސް އިތުރުވެފައިވާ ބިލްތަކެއް ކަމަށް ފިރްޒުލް ވިދާޅުވިއެވެ. ވިޔަފާރިތަކަށް ދައްކަންޖެހިފައި ހުރި ފައިސާ ރިސީވިން އެންޓްގައި ލިބެންޖެހޭ ފަރާތްތަކުގެ ގޮތުގައި 1149 ވަކި ވަކި ވިޔަފާރި އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
ފިރުޒުލް އިތުރަށް ފާހަގަކުރެއްވި ކަންތައްތައް:
2018 ގައި 2756 މުވައްޒަފުން، މިއަދާ ހަމައަށް 8126 މުވައްޒަުން ތިބިކަން
2018 ގައި މުސާރައަށް ހޭދަވަނީ 23 މިލިއަން ރުފިޔާ، މިއަދު މަހަކު ހަދަރުވަނީ 82 މިލިއަން ރުފިޔާ
މިހާރު މަސައްކަތްކުރަމުންދާ ގޮތަށް ބަލާއިރު އެފިޝިއަންސީގައި ވަރަށް ބޮޑު ތަފާތުތަކެއް އައިސްފައި ހުރިކަން
ކުރިން ބިލްގެ މަސައްކަތަށް 7 މުވައްޒަފުން، މިއަދު 40 މުވައްޒަފުން ތިބިކަން
“ރާއްޖޭގައި އެތައްހާސް ކުދިންނަށް ތައުލީމް ދިނުމަށް ކިޔަވައިދެއްވާ ދިވެހި މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރަނީ 8600 އެއްހާ މުވައްޒަފުން އެހެންވީމަ އެހާކަށްހާވަރު ބޮޑު އަދަދެއް ފެނަިއގެ މުވައްޒަފުންގެ ތެރޭގައި އެބަތިބި. މީގެ ތެރެއިން ވެސް އެންމެ ހައިރާންކުރުވަނި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނުކަމަކީ އަހަރު ފުރަތަމަ ކުއާޓަރުގައި 7000 ކޮންމެވެސް ވަރެއްގައި މުވައްޒަފުންގެ އަދަދު ހުރިއިރު. 2023 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން މިއަދާ ހަމައަށް 747 މުވައްޒަފުން އިތުރުވެފައިވާކަން.” ފިރުޒުލް ވިދާޅުވިއެވެ.
