ފަލަސްޠީނަކީ ކޮބައިކަން ތަޢުލީމީ މަންހަޖުގައިވެސް އެކުލެވިގެން ބުނެދެވެން ޖެހޭ – ޝައިހް އާމިރު

Spread the love

ކުޑަކުދިންނަށާއި ސްކޫލުތަކުގައިވެސް ފަލަސްޠީނަކީ ކޮބައިކަން ކިޔައިދީ އަންގަންޖެހޭކަމަށާއި މިއީ ތަޢުލީމީ މަންހަޖުގައިވެސް އެކުލެވިގެން ބުނެދެވެން ޖެހޭކަމެއްކަމަށް އައްޝައިޚް ޢަބްދުﷲ އާމިރު ވިދާޅުވެއްޖެ އެވެ.

ޝައިހް އާމިރު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި “ފަލަސްޠީނު ފޯރަމް” ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އައްޝައިޚް އާމިރު ވަނީ މި ފޯރަމްގައި ފަލަސްޠީނުގެ ތާރީޚަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ. ފަލަސްޠީނަކީ ވަރަށް ޤަދީމީ ތާރީޚެއްވާ ޤައުމެއްކަމާއި އެތައް ސަތޭކަ ފޮތެއްގައި އެ ޤައުމުގެ ތާރީޚް ލިޔެވިފައިވާކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގައި އެންމެ ފުރަަތަމަ ވަޒަންވެރިވެފައިވަނީ ޢަރަބި ޖަޒީރާއިން އައި ޤަބީލާތަކަކުންކަމަށާއި ފަލަސްޠީނުގެ ބިން މަޝްހޫރުވެފައިވަނީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 2600 އަހަރު ކުރިންކަމަށް ވިދާޅުވިއެވެ. އަދި އެ ބިން މަޝްހޫރުވެފައިވަނީ ކަންޢާނީންގެ ބިމުގެ ގޮތުގައިކަމަށާއި އޭރު ޔަހޫދީން އެތަނަށް ދާން ނުވެސް ފަށާކަމަށް ޝައިޚް އާމިރު ވިދާޅުވިއެވެ. ބަނީ އިސްރާއީލަށް ފަލަސްތީނުގައި ވެރިކަމެއް ގާއިމްކުރެވިގެންދިޔައީ ދާއޫދުގެފާނުގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މިހާރުގެ ޔަހޫދީންނަށް ފަލަސްޠީނަކީ ތިމަންމެންގެ ބިމެކޭ ބުނެވޭނެ ޖާގައެއް ނެތްކަން ސާބިތުކޮށްދެއްވަމުން، އެމީހުންގެ ދަޢުވާތަކަށް ބައްލަވައި ޝައިޚް ވިދާޅުވީ އެމީހުންގެ ދީނީ ހައްޤެއްވާކަމަށް އެމީހުން އެ ބުނާ ބުނުމަކީ ދެކޮޅު ނުޖެހޭ ބުނުމެއްކަމަށެވެ. ސަބަބަކީ މާތްﷲ ފޮނުއްވާފައިވާ ނަބީބޭކަލުންނަށް އެންމެ ހައްޤުކަން ބޮޑުވާނީ އެ ބޭކަލުންނަށް ތަބަޢަވާމީހުންކަމަށްވާއިރު އެ ރަސޫލުންނާއި ނަބިއްޔުންނަށް ފުރައްސާރަކޮށް، ގަތުލުކޮށް، އެ ރަސޫލުންނާއި ނަބިއްޔުންނަށް އީމާންނުވާބަޔަކު ދައްކާވާހަކައަކަށް ވުމުންކަމަށް ވިދާޅުވިއެވެ.

ކަންޢާނީން ފަލަސްތީނުގައި އުޅެން ފެށުމާއި ޢުމަރުގެފާނާއި ހަމައަށް އެ ދެމެދުގައި ހިނގިކަންތައްތަކަށް ބައްލަވަމުން، އެ ޤައުމުގައި ވެރިކަން ކުރެއްވި ގޮތް ޝައިޚް އާމިރު މި ފޯރަމްގައި ތާރީޚަށް ބައްލަވަމުން ތަފްސީލުކޮށްދެއްވިއެވެ. އަދި މުސްލިމުންނާއި ޔަހޫދީންނާ ދެމެދު ހިނގި ކޮންމެ ހަނގުރާމައެއްގައިިވެސް އިސްލާމްދީނުގެ ރިވެތި އަދަބު އަޚްލާގު މުސްލިމުން އަބަދުވެސް ދައްކާކަމަށް ވިދާޅުވިއެވެ.

ޒަޔަނިސްޓުންނަކީ އިސްތިއުމާރީ ބާރެއްކަމާއި ޔަހޫދީން ފަލަސްޠީނު ބިމަށް އަންނަންފެށީ ސަޙްޔޫނީ ހަރަކާތް 1897ގައި ފެށުނު ފަހުންކަމަށް ވިދާޅުވިއެވެ. އިސްރާއީލު އިޢުލާންކުރެވިގެން ދިޔައީ 1948ގައިކަމަށްވެސް ޝައިޚް ވިދާޅުވިއެވެ. މި މުޤައްދަސް ބިމުގެ ދިފާޢުގައި މުސްލިމުން ވީ ގުރުބާނީއަށްވެސް ޝައިޚްވަނީ ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

މުސްލިމު ކޮމާންޑަރުންގެ ސިކުނޑިތަކުން ފަލަސްތީނު ނުދިޔަ ނަމަވެސް، މިއަދު މި ފެންނަނީ ވަރަށް ހިތާމަވެރި މަންޒަރެއްކަމަށް ޝައިޚް ވިދާޅުވިއެވެ. ހަމައެކަނި ފަލަސްތީނުގެ ރައްޔިތުން، އެ ބިން މިނިވަންކުރުމަށް މަސައްކަތް ކުރަމުންދާތަން ފެނުމުން އިސްލާމީ އުންމަތް ބައިބައިވެފައިވާވަރު ފެނިގެންދާކަމަށް ވިދާޅުވިއެވެ.

މި ފޯރަމް ނިންމާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރުދެއްވުމަށް އެދި ކުރި ދުޢާއަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com