ޕީއެންސީ އަށް އިތުރު 500 މީހަކު ސޮއިކޮށްފި


އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވާ ޕާޓީ، ޕީއެންސީ އަށް އިތުރު 500 މީހަކު ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕާޓީއާ އަލަށް ގުޅުނު މީހުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ މުއިއްޒެވެ. ޕީއެންސީން ބުނި ގޮތުގައި އަލަށް ސޮއިކުރި މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. ޕީޕީއެމް/ޕީއެންސީން މި ހަފުތާގައި އައްޑު އަށް ކުރި ދަތުރުގައި ވެސް ޕާޓީ އަށް މެންބަރުން އިތުރުކުރަން މަސައްކަތްތަކެއް ކުރި އެވެ.
ޕީއެންސީގެ އަމާޒަކީ ޕާޓީގެ މެންބަރުންގެ އަދަދު ވީހާ ވެސް އަވަހަކަށް 10،000 އަށް އެރުވުމެވެ. ސަބަބަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ވެސް ލިބެނީ އެ އަދަދު ހަމަވާ ނަމަ ކަމަށްވާތީ އެވެ.
ޕީއެންސީ މިހާތަނަށް ފާހަގަކުރެވުނީ ޕީޕީއެމްގެ ހިޔަނި ޕާޓީއެއްގެ ގޮތުގަ އެވެ. ނަމަވެސް މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުވުމާ ގުޅިގެން ޕާޓީ ވަރުގަދަ ކުރަން ހާއްސަ ސަމާލުކަމެއް ވަނީ ދީފަ އެވެ.
މުއިއްޒު ރައީސްކަމުގެ ހުވާކުރައްވާނީ މި މަހުގެ 17 ގަ އެވެ.
