މީރާއަށް ނުލިބި ހުރި ފައިސާގެ ތެރެއިން 231.5 މިލިއަން ރުފިޔާ ހޯދައިފި

Spread the love

އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާ ހޯދުމަށް މިއަހަރުގެ ދެވަނަ ކުއާޓަރގައި ކުރި މަސައްކަތުން 231.5 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓ، މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ކުއާޓަރުގައި 231،503،281 ( ދުއިސައްތަ ތިރީސް އެއް މިލިއަން ފަސްލައްކަ ތިން ހާސް ދުއިސައްތަ އަށްޑިހަ އެއް) ރުފިޔާވަނީ ހޯދާފައެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތައް ހޯދާފައިވާގޮތުގެ މައުލޫމާތުވެސް ކުއާޓަރލީ ރިޕޯޓުގައި ހިމަނާފައިވެއެވެ. އެގޮތުން ޑަނިންގ ނުވަތަ އެކި ގޮތްގޮތުން މުއާމަލާތްކޮށްގެން 129 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. ޑިއުސް ކްލިއަރަންސްގެ ދަށުން 61 މިލިއަން ރުފިޔާ، ހަނދާންކޮށްދިނުމަށް ގުޅައިގެންނާއި މެއިލްކޮށްގެން ކުރެވުނު މަސައްކަތްތަކުން 36 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ޕޮލިސީގެ ދަށުން 3.7 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ހާމަކުރެއެވެ.

ތިންވަނަ ކުއާޓަރގައި ޓެކްސް ބަޔާން ހުށަނާޅާ 266 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 322 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފައެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ލުއިގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން ފައިސާ އެކި ދުވަސްތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް 46 ފަރާތަކަށް ހަމަޖައްސާދީފައިވާއިރު، އެއީ ޖުމްލަ 204 މިލިއަން ރުފިޔާގެ ޓެކްސް ފައިސާ ކަމަށް މީރާގެ ތިންވަނަ ކުއާޓަރގެ ރިޕޯޓުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com