ބިންތައް ކުއްޔަށް ދޫކުރި މައްސަލައެއްގެ ތަހުގީގަށް އޭސީސީން އާބަންކޯއަށް ވަދެއްޖެ


ބިންތައް ކުއްޔަށް ދޫކުރި މައްސަލައެއްގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯއަށް ވަދެއްޖެއެވެ.
އޭސީސީގެ މީޑީއާ އޮފިޝަލް ވިދާޅުވީ، އާންމު ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުގެ ޓީމެއް އާބަންކޯގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިއީ ބިންތައް ކުއްޔަށް ދޫކުރުމާ ގުޅޭ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މައުލުމާތު ހޯދުމަށް ތަހުގީގުތެރެއިން ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއީ ކޮންތާކުން ކުއްޔަށް ދޫކުރި ބިމެއްކަމެއް ސާފުނުވެއެވެ.
އޭސީސީން މިއަދު އާބަންކޯއަށް ވަތްއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ދޫކުރުން ހުއްޓުވައި އެކަމުގެ ތަހުގީގަށް އިއްޔެ އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށްވެސް ވަދެފައެވެ.
ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މީގެ ކުރިން ވަނީކަންބޮޑުވުން ފާޅުކޮށްފައެވެ. އޭގެ ފަހުން މި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެފަދަ އެއްވެސް މުއާމަލާތެއް ނުހިންގަން އޭސީސީން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ އާބަންކޯއަށް އަންގާފައެވެ.
