ބުލީކުރުން ކުރިޔަށް، ބައެއް ސްކޫލްތަކުން މިވާހަކަ ދައްކަންވެސް ޖެހިލުންވޭ!

Spread the love

ގިނަ ބެލެނިވެރީންނަށް އެންމެ މުހިންމު ކަމަކަށް ވެފައި އޮންނަނީ އެމީހެއްގެ ދަރިފުޅުގެ ތައުލީމީ ނަތީޖާއެވެ. އެމީހެއްގެ ދަރިއަކީ އޯލެވެލް ނުވަތަ އޭލެވެލްގެ ގަދަ ދިހައަކުން ޖާގަ ހޯދާ ދަރިއަކަށް ހެދުމަށް ބެލެނިވެރިން ހާއްސަ އިސްކަމެއް ދެއެވެ. ނަމަވެސް ވިސްނައިނުލެވި އޮތް ކަމަކީ ދިރިއުޅުމުގައި ތައުލީމާ އެއްވަރަށް އެ ކުއްޖެއްގެ އަހުލާގާއި ނަފްސާނީ ދުޅަހެޔޮކަން ވެސް މުހިންމު ކަމެވެ.

ދަރިއަކަށް ދަށް ނަތީޖާތައް ލިބުމަކީ ބެލެނިވެރީން އެއްގޮތަކަށް ވެސް އެދޭނެ ގޮތެއް ނޫނެވެ. ގިނަ ހަރަދުތަކެއް ކޮށް، ނަތީޖާ ދަށްވުމުން އެކަމުގެ ސަބަބުތައް ދެނެގަތުމެއް ނެތި، އެ ކުއްޖަކާ ދިމާއަށް ރުޅިވެރި މޫނު ދެއްކުމަކީ ހައްލެއް ނޫނެވެ. ބައެއް ކުދިންގެ ނަތީޖާތައް ދަށްވުމާއި ސްކޫލު މާހައުލުގައި ދިމާވާ ކަންކަންތަކަކާ ގުޅުންތަކެއް ހުރެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ކަމަކަށް ވެފައިވަނީ ސްކޫލުތެރޭގައި ކުރިމަތިލާން ޖެހޭ ބުލީ ނުވަތަ ހަނގާ ކުރުމެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ތެރޭގައި ބުލީކުރުމަކީ އަދިވެސް ބޮޑު މައްސަލައެކެވެ. ބުލީގެ ޝިކާރައަކަށްވާ ކުދީންނަށް އެކަމަށް ހައްލެއް ނުލިބި، ގިނަ ކަންތައްތަކަކާ ވިސްނަން ޖެހުމުން، ނަފްސާނީ މައްސަލަތަކަކާ ވެސް ކުރިމަތިލާން ޖެހެއެވެ. ބުލީ ކުރުން ވެފައި އޮންނަނީ ފަރުވާއެއް ނެތް މައްސަލައެއްގެ ގޮތުގައެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ވެސް ބުލީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ.

ސައިކޮލޮޖިސްޓް އާއިޝަތު ހަނާ “ވަން”އަށް ވިދާޅުވިގޮތުގައި ބުލީގެ ޝިކާރައަކަށްވާ ކުއްޖާއަށް އަވަސް ފަރުވާއެއް ނުހޯދިއްޖެ ނަމަ، އެ ކުއްޖަކަށް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެންމެ ހަގު އުމުރުން ފެށިގެން އެ ކުއްޖާގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފާހަގަވެއްޖެ ނަމަ، އެކަމަށް ބެލެނިވެރިން ސަމާލުކަން ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އެއީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެއް. ދޮށީ އުމުރުގައި ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ގިނަ މީހުންނަކީ ސްކޫލު ދައުރުގައި ބުލީގެ ޝިކާރައަކަށްވެފައިވާ މީހުން. އެކަން ހުއްޓުވޭނީ ބެލެނިވެރިންނާއި ޓީޗަރުންނަށް. ބެލެނިވެރިންނަށް އެކަން ފާހަވެއްޖެ ނަމަ، އެކަން ޓީޗަރުންގެ ސަމާލުކަމަށް ގެންނަން ޖެހޭ. އަދި ޓީޗަރުން އެ ބުލީ ކުރި ކުއްޖަކާ ވާހަކަދައްކައިގެން ހައްލެއް ހޯދުމަށް މަސައްކަތްކުރަން ޖެހޭނެ. ޓީޗަރުން އެކަމަށް ފަހަތަށް ޖެހިއްޖެ ނަމަ، ގިނަ މައްސަލަތަކެއް ކުރިމަތިވާނެ. މުޖުތަމައު ތެރޭގައި ވެސް އެކަމުގެ މައްސަލަތައް ކުރިމަތިވާނެ،” އޭނާ ވިދާޅުވިއެވެ.

ހަނާ ވިދާޅުވިގޮތުގައި ބުލީކުރުމުން އެކަން ނަފުރަތަށް ބަދަލުވެ، ހިތާމަވެރި ހާދިސާތައް ވެސް މެދުވެރިވެއެވެ. ބައެއް ފަހަރު ބުލީގެ ޝިކާރައަކަށްވާ ކުއްޖާ، އެކި ކަހަލަ ނޭދެވޭ ކަންތައްތަކާ މެދު ވިސްނައި، ފަހުން “ކުށްވެރިޔާ”ގެ ގޮތުގައި ލޭބަލް ވެގެންދެއެވެ.

ބުލީގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ ބެލެނިވެރިއެއްގެ ކަންބޮޑުވުން ފާޅުކުރަމުން ބުނެފައިވާ ގޮތުގައި ސްކޫލުތަކުން ބުލީކުރުމާ ދެކޮޅަށް އެންމެ އެދެވޭ ގޮތުގައި މަސައްކަތްތަކެއް ނުކުރެވެއެވެ. ސްކޫލުގެ ޓީޗަރުންނާއި މެނޭޖްމަންޓުން އެކަމަށް ފަސްޖެހޭކަން އޭނާ ފާހަގަކުރެއެވެ.

“އަޅުގަނޑުގެ ދަރިފުޅަށް އެކި ސިފަސިފައިގައި ބުލީކުރާތީ އެކިފަހަރު މަތިން ޝަކުވާ ހުށަހަޅާފައިވާނެ. ޓީޗަރު އަދި ސްކޫލުގެ މެނޭޖްމަންޓަށް ވެސް އެކަމުގެ ޝަކުވާ ކުރިން. އެކަމަކު އެދެވޭ ހައްލެެއް ނުލިބޭ. އެކަމާ ވާހަކަދައްކާނެ ކަމަށް ބުނޭ، އެކަމަކު އަމަލީގޮތުން އެކަމެއް ނުފެނޭ. އަޅުގަނޑު ގަބޫލުކުރަނީ އެ ބުލީ ކުރާ ދަރިވަރުގެ ބެލެނިވެރިޔާއާ ވާހަކަދައްކަން ޓީޗަރުން ފަސްޖެހޭތީ ވާ ގޮތެއް ކަމަށް،” ޕްރީސްކޫލުގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުންޏެވެ.

އެ ބެލެނިވެރިޔާ ބުނިގޮތުގައި ގޭތެރޭގައި ވެސް ކުއްޖާގެ އުޅުމުން ތަފާތުތަކެއް ފާހަގަވެ، އެ ކުއްޖާ ގެއިން ބޭރަށް ނުކުތުމަށް ވެސް ފަސްޖެހެއެވެ. ބުލީ ކުރުމާ ދެކޮޅަށް ރަނގަޅު ނިޒާމަކާއެކު އެންމެން އެކުގައި ނުކުމެގެން ނޫނީ އެކަމަށް އެދެވޭ ހައްލެއް ނުގެނެވޭނެ ކަމަށް އޭނާ ދެކެއެވެ.

ސްކޫލުތެރޭގައި ކުދީންނަށް އެކި ސިފަސިފައިގައި ބުލީގެ ޝިކާރައަކަށް ވެގެންދެއެވެ. އެގޮތުން އެކި ބަސްތައް ރައްދުކޮށްގެން ބުލީކުރުމާއި، އެކިއެކި ދޮގު ވާހަކަތަކާއި އެކަހެރިކުރުމާއި އެކި ގޮތަށް ޖޯކުތައް އުފައްދައިގެން ބުލީ ކުރުން އަދި އެ ކުއްޖެއްގެ ތަކެއްޗަށް ގެއްލުންދީ، ފިޒިކަލް އަނިޔާދީގެން ބުލީކުރުން ހިމެނެއެވެ. އޭގެ އިތުރުން ފަހަކަށް އައިސް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ސައިބާ ބުލީކުރުން ވެސް މިހާރަކަށް އައިސް ވަނީ ވަރަށް އާންމުވެފައެވެ.

ސްކޫލުތަކުގައި ބުލީގެ ޝިކާރައަކަށް ވެއްޖެ ނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކީ ޓީޗަރުންނާއި ސްކޫލުގެ މެނޭޖްމަންޓެވެ. ރާއްޖޭގައި އަދިވެސް ބުލީގެ މައްސަލަތައް އޮތް އިރު، އެކަމަށް ސްކޫލުތަކުގެ މެނޭޖްމަންޓުން އެންމެ އެދެވޭ މަސައްކަތްތައް ކުރޭތޯ ގިނަބަޔަކު ސުވާލު އުފައްދައެވެ. ބައެއް ޓީޗަރުން އެކަމަށް އަވަސް ފިޔަވަޅު އަޅާ އިރު، ބައެއް ޓީޗަރުން އެކަމަށް ފަސް ޖެހޭތަން ވެސް ފެނެއެވެ.

ހުވަދުއަތޮޅުގެ ސްކޫލެއްގެ ގްރޫޑު ތިނެއްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރެއް ކަމަށްވާ އާމިނަތު މުހައްމަދު ބުނެފައިވާގޮތުގައި އެންމެ ބޮޑަށް ބުލީގެ މައްސަލަ ފާހަގަވަނީ މަތީ ގްރޭޑުތަކުންނެވެ. އެކަމުގެ ސަބަބުން ބައެއް ކުދީން ސްކޫލަށް ދާން ދެކޮޅު ހަދާކަން ވެސް އޭނާ ފާހަގަކުރިއެވެ.

“ބައެއް ކުދިން އެކަމުގެ ސަބަބުން ބިރުވެރިކަމެއް އުފެދި، ގެއިން ބޭރަށް ނުކުތުމަށް ވެސް ދެކޮޅު ހަދާ. އެހެންކަމުން ޓީޗަރުން އެކުދިންނާ ވާހަކަދައްކައިގެން ހައްލު ހޯދަން މަސައްކަތްކުރޭ. އަޅުގަނޑުމެންގެ ގްރޭޑުތަކުގައި ޓީޗަރުންނާ ދަރިވަރުންނާ ދެމެދު ވަރަަށް ރަނގަޅު ގުޅުމެއް އޮވޭ. އެހެންވީމާ އެ ކުދީންނާ ރަނގަޅަށް ވާހަކަދެކެވިއްޖެ ނަމަ، ކުދން ވެސް އެކަންކަން ގަބޫލުކުރޭ. ޓީޗަރުން އަބަދުވެސް ޖެހޭނެ ކުދީންގެ އިތުބާރު ދަމަހައްޓަން. އެހެންނޫނީ މައްސަލަތަކަށް ހައްލު ހޯދަން ވަރަށް އުނދަގޫވާނެ،” ޓީޗަރު އާމިނަތު ބުންޏެވެ.

ބުލީގެ މައްސަލަ ބޮޑުވެފައިވާ އިރު، ސްކޫލުތަކުން އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވެން އެބައޮތެވެ. އެގޮތުން ސްކޫލުތަކުގައި ކުދީންގެ އަހުލާގަށް ހާއްސަ ސެޝަންތަކެއް ނަގައިދީ، ކައުންސެލިން ހިދުމަތް ފުޅާކުރުމަކީ ކުރެވޭނެ ކަމެކެވެ. އެކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ހާއްސަ ޕްރޮގްރާމުތަކެއް ކުރިއަށްގެންގޮސް، އެކަމާ ވާހަކަތައް ދެއްކުމަށް ފުރުސަތުދިނުމަކީ މުހިންމު ކަމެކެވެ.

ކުދިންގެ އިތުބާރު ދެމެހެއްޓުމަށް ސްކޫލުތަކާއި ޓީޗަރުން ބުލީކުރުމާ ދެކޮޅަށް މަސައްކަތްކުރަން އެބަޖެހެއެވެ. އެކަމަށް ޓަކައި ޓީޗަރުންނަށް ބެލެނިވެރިންގެ ބޮޑު އެއްބާރުލުމެއް ވެސް ބޭނުންވެއެވެ. އެ މައްސަލައަށް އެދެވޭ ފަރުވާއެއް ހޯދުމަށް ސްކޫލުތަކުގެ މެނޭޖްމަންޓާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހަރުދަނާ ޕޮލިސީތަކެއް ކަނޑައަޅަން ޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com