ފަސް މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް އޮންލައިންކޮށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި


ފަސް މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް އޮންލައިންކޮށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު މާލިއްޔާތާ ބެހޭ ސާކިއުލާގައި ބުނީ، މިއަދުން ފެށިގެން ފަސް މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް ބަލައިގަންނާނީ އޮންލައިން ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، އެގޮތަށް ހަމަޖެއްސީ އިލެކްޓޯނިކް ނިޒާމެއްގެ ތެރެއިން ރައްކާތެރިކަމާއި ފަސޭހަކަމާއެކު ބީލަންވެރިން ހުށަހަޅާ ބީލަންތައް ބަލައިގަނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން 2021 ވަނަ އަހަރު ތައާރަފުކުރި ބީލަން ޕޯޓަލް އިތުރަށް ތަރައްގީކުރުމަށް ކަމަށެވެ.
އެގޮތުން ދައުލަތުން ކުރިއަށްގެންދާ ފަސް މިލިއަން ރުފިޔާއިން މަތީގެ ހުރިހާ ޕްރޮކިއުމަންޓްތައް އެ ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދެވޭނެހެން މިހާރު ފަރުމާކުރެވިފައިވާ ކަމަށެވެ. އަދި މީގެ ފަހުން ދައުލަތުން ކުރިއަށްގެންދާ ފަސް މިލިއަން ރުފިޔާއިން މަތީގެ ބީލަންތައް މިއަދުން ފެށިގެން ބަލައިގަންނާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
