ކަސްޓަމްސް މުއައްޒަފުންނަށް ދޭ 100 ފްލެޓް ލިސްޓު އިއުލާން ކޮށްފި


މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުއައްޒަފުންނަށް ދޭ 100 ފްލެޓް ހައުސިން މިނިސްޓްރީން ކަނޑައަޅައި އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ވިދާޅުވި ގޮތުގައި ކަސްޓަމްސްއިން އެ މިނިސްޓްރީއަށް ފޮނުވި ސިޓީގައި 3 ކޮޓަރީގެ 96 ފްލެޓާއި 2 ކޮޓަރީގެ ހަތަރު ފްލެޓަށް އެދިފައިވެއެވެ. އަދި މިތަނުން އެންމެ ބޮޑަށް އިސްކަން ދީފައި ވާނީ ” ގެދޮރުވެރިޔާ ސްކީމް” ގެ ދަށުން ފޯހު ހުށައަޅާފައި ވާނަމަ ހުށައަޅާފައިވާ ކެޓަގަރީއަކުން ފްލެޓް ދޫކުރުމަށް ކަމަށް އެ މިނިސްޓްރީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުންވެސް ސިޓީގައި ވަނީ ކަސްޓަމްސް ގައި ހިމެނޭ 67 ފަރާތަކުން 3 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައިވާ ކަމަށާއި، 12 ފަރާތަކުން 2 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައި ވާ ކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ 2 ކޮޓަރިއަށް އެދުނު ފަރާތްތަކަށް 2 ކޮޓަރީގެ އެޕާރޓްމެންޓް ހަމަ ޖައްސާފައިވާނެކަމަށާއި އެހެން ފަރާތް ތަކަށް ހަމަ ޖައްސައިފައިވާނީ 3 ކޮޓަރި ކަމަށެވެ. އަދި މި ސިޓީއާއި އެކު 100 ފްލެޓް ލިބުނު ފަރާތް ތަކުގެ ނަންތައް ވަނީ ކަސްޓަމްސް އަށް ފޮނުވާފައެވެ.
ފްލެޓްލިބުނު ފަރާތްތަކަށް ލިބޭ ޔުނިޓް ކަނޑައެޅުމަށްފަހު، އެގްރީމެންޓްގައި ސޮއި ކުރުމުގެ ކަންތައްތައް ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރަން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފުރަތަމަ 4000 ފްލެޓް ދޫކުރާ މީހުންގެ ލިސްޓު ހައުސިންގ މިނިސްޓްރީން ވަނީ މި މަހު އާންމުކޮށްފައެވެ. މި ލިސްޓާމެދު ހިތްހަމަނުޖެހި ގިނަ ބަޔަކު ވަނީ މިނިސްޓްރީއަށް ގޮސް އިހުތިޖާޖުވެސް ކޮށްފައެވެ.
ލިސްޓަކީ ބޮޑު އޮޅުވައިލުމެއް ކަމަށާއި ފްލެޓްތަކަށް ޕޮއިންޓް ދިން ގޮތް ހާމަ ކުރަން އެދޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ޕޮއިންޓް ދިނުމުގައި އެއްވެސް އިންސާފެއްނެތި ބޭނުން ބަޔަކަށް ފްލެޓް ދީފައިވާ ކަމަށް ބުނެ އާންމުން ވަނީ ވަރަށް ބޮޑަށް ޝަކުވާކޮށްފައެވެ.
އެހެން ކަމުން އެ މައްސަލައިގެ ތެރެއަށް އޭސީސީ އިން ވަދެ، މިހާރު ހައުސިން މިނިސްޓްރީ އަށް އަންގާފައި ވަނީ ޝަކުވާތައް ނުބަލައި 4،000 ފްލެޓު ލިބޭ ކަމުގެ ރަޖިސްޓްރީ އެއްވެސް މީހަކަށް ހަވާލު ނުކުރުމަށެވެ.
