މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ބަލައި ފިޔަވަޅުއެޅުމަށް އިރުޝާދެއް ނެރެފި

Spread the love

ސްކޭމް ކޯލުތަކާއި، އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް މުޖުތަމައުގެ ތެރޭގައި ގިނަވެ، އެކަމުގެ ކަންބޮޑުވުން ދައުލަތުގެ އިދާރާތަކާ ހަމައަށް އައިސްފައިވާތީ، އެކަން ހިނގާގޮތް ބަލައި، އެކަމުގެ ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ވަޒަންކޮށް، މިކަމުގައި އިދާރާތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިރުޝާދެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނެރެފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި، ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލުތަކާއި ގުޅިގެން ބަލާ ބެލުންތަކާއި، ހިންގާ ތަޙްޤީޤްތައް ބަލައި އެކަންކަން ހިންގަނީ ޤާނޫނާއި އެއްގޮތަށްތޯ ބެލުމުގެ ޒިންމާގެ ދަށުން، ސްކޭމްގެ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި ދަޢުވާކުރުމުގައި އެއް ގޮތަކަށް ޢަމަލުކުރުމަށް ބާރު އެޅުމަށާއި، އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުރިހަމަކުރަންވީ ކަންކަން އެއް ހަމައަކުން ފުރިހަމަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ “ސްކޭމް ކޯލްތަކާއި އެހެނިހެން ވަޞީލަތްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ތަޙްޤީޤުކުރުމުގައާއި، ދަޢުވާކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު” އެއް ނެރެ ހުރިހާ ތަޙްޤީޤީ އިދާރާތަކަށް ޕީޖީ އޮފީހުން ވަނީ ފޮނުވާފައެވެ.

މިއިރުޝާދާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން، ސްކޭމް ކޯލްތަކާގުޅޭ މައްސަލަތަކުގެ ތަޙްޤީޤުތައް އަވަސްވެ، ކާމިޔާބުކަމާއެކު ޕްރޮސިކިއުޓް ކުރުމަށް ބާރު އެޅޭނެކަމަށް ޕީޖީ އޮފީހުން ނުރުނު ބަޔާނުގައި ވަނީ ބުނެފައެވެ. 

އަދި މިއާއެކު، މިބާވަތުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ތަޙްޤީޤީ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދުމުގައި ކަމާބެހޭ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތްތަކެއްވެސް މިހާރު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

މީގެ އިތުރުން މޯބައިލް ފޯނުގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތަކާއި، އެނޫންވެސް މާލީ މުޢާމަލާތްތައް ހިންގާ ތަންތަނުން، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ލިބިގެން މެނުވީ، މިބާވަތުގެ މައްސަލަތައް ކާމިޔާބުކުރުން ދަތިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com