ގެދޮރުވެރިޔާ ފުލެޓްތައް ދޫކުރުން އޭސީސީއިން އަނެއްކާ ހުއްޓުވައިފި

Spread the love

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓުތައް ދޫކުރުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަނެއްކާވެސް އަންގައިފިއެވެ.

އޭސީސީން މިގޮތަށް އެންގީ، ހައުސިން މިނިސްޓްރީން ފްލެޓުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށްފަހު، އަލުން ދާއިމީ ލިސްޓު އާންމުކުރި ފަހުންނެވެ.

އެނގިފައިވާ ގޮތުގައި، އޭސީސީން ވަކި ގޮތެއް އަންގަންދެން، ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް އަންގައި އެ ކޮމިޝަނުން ވަނީ  ރޭ ހައުސިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީގެ ސިޓީގައިވެއެވެ.

ފާހަގަކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމާއި، ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަަމަށް އޭސީސީން އެ ސިޓީގައި ބުނެފައިވެއެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ ފުރަތަމަ 4،000 މީހުންގެ މެދުގައި ގުރުނެގުމުގެ މަސައްކަތް  ރޭ ކުރިއަށް ގެންދަވާފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މިމަހުގެ ހަތަރެއްގައެވެ. އެ ލިސްޓާއެކު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73 އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުންނެވެ.

ޕްލޭނިންގ މިނިސްޓްރީން ހާމަކުރެއްވި ލިސްޓާމެދު ހިތްހަމަ ނުޖެހިގެން ޕްލޭނިން މިނިސްޓްރީއަށް އެއްވެ އިހުތިޖާޖު ކޮށްފައިވެއެވެ. އޭގެ ފަހުން ފްލެޓު ދިނުމުގެ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން މިމަހުގެ ފަހެއްގައި އެންގިއެވެ. އެ ކޮމިޝަންގެ ތަހުގީގު ތެރެއިން، ޕްލޭނިން މިނިސްޓްރީއަށް ގޮސް ވެސް މަސައްކަތްތަކެއް ކުރިއެވެ.

ދާއިމީ ފްލެޓު ލިސްޓާއެކު ރޭ ޢާންމުކުރި އިއުލާނުގައި ވަނީ، ތިން ކޮޓަރީގެ އެޕާޓްމެންޓު ފުރަތަމަ ލިބޭ މީހުންގެ ތެރޭގައި 75 ޕޮއިންޓު ލިބުނު ބައެއް މީހުން ވެސް ހިމެނޭނެ ކަމަށާއި، އެގޮތުން 76އިން ފެށިގެން މަތީ ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ދިނުމަށް ފަހު ބާކީވާ ތިން ކޮޓަރީގެ ފްލެޓުތަކަށް، 75 ޕޮއިންޓު ލިބުނު މީހުންގެ މެދުގައި ގުރު ނަގައި ފްލެޓު ދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com