ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ޑެލިވަރަ ކުރުމަކީ ބުރަ އުނދަގޫ މަސައްކަތެއްކަން އެނގެ ކަމަށާއި އެކަން އެގޮތަށް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް ހޯމް މިނިސްޓަރ ކަމަށް އައްޔަން ކުރެއްވި ކެޕްޓަން އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ ކެޕްޓަންގެ ރޭންކުގައި 11 އަހަރު ހިދްމަތް ކުރެއްވި އަލީ އިހްސާން ވިދާޅުވީ އެމަނިކުފާނަކީ ފަސޭހަ މަސައްކަތާއި ހަވާލުވާނެ ބޭފުޅެއް ނޫން ކަމަށާއި ހޯމް މިނިސްޓަރ ކަމުގެ މަގާމާއި ހަވާލުވީ އެކަމުގެ ބުރަ އަދި އުނދަގޫކަން އެނގިކަމަށެވެ.
އިހްސާން ވިދާޅުވީ ރައީސުލް ޖުމްހުރިއްޔާއަކީ 24 ގަޑިއިރު މަސައްކަތް ކުރައްވާނެ ބޭފުޅެއްކަމަށާއި އެ މަނިކުފާނާއި އެކު އެވާނުގައި މަސައްކަތް ކޮށް ދިވެހިންނަށް ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.
“ދިވެހި ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ ރައީސުލް ޖުމްހުރިއްޔާ އަކީ 24 ގަޑިއިރު މަސައްކަތް ކުރައްވާ ބޭފުޅެއް، އަލުގަނޑުމެން މިތިބެނި ހަމަ އެވާނުގައި ރައީސްގެ ފަހަތްޕުޅުގައި މަސައްކަތް ކުރައްވަން، އަޅުގަނޑަށް ވަރަށް ސާފު ހާސިލް ކުރައްވަން ބޭނުންފުޅުވާ ލަނޑުދަޑިތައް ރައީސް ވިދާޅުވެދެއްވައިފި، މި މަސައްކަތަކީ އެއްވެސް ހާލެއްގައި ކުޑަ އަދި ފަސޭހަވާނެ މަސައްކަތެއް ނޫންކަން އެނގި ހުރެ އަޅުގަނޑު މި މަސައްކަތާއި ހަވާލުމިވަނީ، ހަމައެއާއި އެކު ފަސޭހަ މަސައްކަތަކީ އަޅުގަނޑު ހަވާލުވާން ބޭނުންވާ މަސައްކަތެއްވެސް ނޫން، އެހެންވީމަ އަޅުގަނޑަށް އެޔަގީންކަން އެބައޮތް ރައީސުލް ޖުމްހުރިއްޔާގެ އެގްސްޕެކްޓޭޝަނާއި އެއްކޮށް އަދި ދިވެހި ރައްޔިތުން އެދޭގޮތަށް ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ފުރިހަމައަށް އަލުގަނޑަށް ޔަގީންކޮށް ކަށަވަރުކޮށް ޑެލިވަރަ ކުރެވޭނެ”.
އިހްސާން ވިދާޅުވިއެވެ.
އެމެރިކާގެ މިލިޓަރީ އެކަޑަމީގައި ޑިފެންސް ސްޓެރެޖެޓިކް ރޮގުންނާއި އިންފޮމޭޝަން ޓެކްނޮލޮޖީ ރޮގުން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ އަލީ އިހްސާން ވަނީ ނަންޔަނގް ޔުނިވާސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ރޮގުން މާސްތާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.
ހެޕީމާކެޓުގެ ސީއީއޯގެ މަގާމުގައި ހުންނެވި އަލީ އިހްސާން އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާ ތަމްސީލު ކުރެއްވި އިބްރާހިމް ދީދީ އައިބީއ)ަގެ ހަގު ދަރިފުޅެވެ.
އިހްސާން އަކީ ޑރ. މުއިއްޒުގެ ސަރުކާރުގެ ވަޒީރުކަން ކުރައްވާ ހަމައެކަނި އައްޑޫ ނިސްބަތްވާ ފަރާތެވެ.