ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް!


އަމިއްލަ ގްރޫޕްތަކުން މީހުން ހައްޖަށް ގެންދަން ނަގާ އަގު ބޮޑުވުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖެ އަށް ލިބޭ ހުރިހާ ހައްޖު ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ގައި މިނިސްޓަރު ވިދާޅުވީ ޙައްޖަށް ގެންދިއުމަށް ކޯޓާ އަށް ބޮޑު އަގުގައި ފައިސާ ނަގާ މައްސަލަ އަށް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި އާ ސަރުކާރުން އެކަމަށް ވަރަށް ބޮޑު ސަމާލު ކަމެއް ދެއްވާނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި ބޮޑު އަގު ނަގާ މައްސަލަ ޙައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާ މެދު މިހާރު ވެސް މަޝްވަރާ ކުރިއަށްދާ ކަމަށެވެ. އޭގެ ތެރެއިން އެއް ވިސްނުމަކީ ރާއްޖެ އަށް ލިބޭ ހުރިހާ ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދިނުން ކަމަށް ވިދާޅުވި އެވެ.
އޭގެ ސަބަބުން ސަރުކާރުން ކަނޑައަޅާ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށްގެން ދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ.
“[ހައްޖަށް ގެންދާ އަމިއްލަ ކުންފުނިތަކުން] މާ ގިނަ ލާރި ރައްޔިތުންގެ އަތުން ނަގަނީ. 75،80،90 ހާސް ބިޑްގައި ޖަހާފައި، އިތުރަށް ފަންސާހާސް ހަތްދިހަ ހާސް އެބަ ނަގާ މީހުން އަތުން،” ޝަހީމު ވިދާޅުވި އެވެ. “މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މި ނޫން ގޮތެއް އެބަ ހޯދަން ޖެހޭ. އެހެންވީމައި މަޝްވަރާކުރެވެމުން ދަނީ ޙައްޖު ކޯޕަރޭޝަންއަށް މުޅިން ދޭނީތޯ، ނޫނީ ކިހިނެތްތޯ ކަން ކުރެވޭނީ [އެކަމާ ގުޅޭ މަޝްވަރާތައް އެބަ ހިނގާ].”
މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ރާއްޖެ 2،000 ހައްޖު ކޯޓާ ހޯދަން ވެސް މަސައްކަތް ކުރައްވާނެ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ލިބުނީ 1،000 ކޯޓާ އެވެ.
ޝަހީމު ވިދާޅުވި ގޮތުގައި ކޯޓާ އިތުރުކުރުމާ ގުޅޭ ގޮތުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ސައޫދީ އަރަބިއްޔާގެ ވަފުދާ ވެސް ހިއްސާކުރެވި، މަޝްވަރާތަކެއް ކުރެވިފައިވެ އެވެ. އަދި ކޯޓާ އިތުރުވާނެކަމުގެ އުންމީދު ވެސް ބޮޑެވެ.
