ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވުމަށް ފުވާދު އިސްތިއުފާދެއްވަނީ

Spread the love

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުން، އެ މަގާމުގައި ހުންނެވި ފުވާދު ތައުފީގު އިސްތިއުފާދެއްވަން ނިންމަވާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އެ މަގާމުން ފުވާދު އިސްތިއުފާދެއްވާނެ އެވެ.

އެމަނިކުފާނު އެ މަގާމުން އިސްތިއުފާދެއްވަނީ މި ސަރުކާރުން ދެއްވާ މަގާމަކަށް އައުމަށް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވަނީ އެމްބަސަޑަރުގެ މަގާމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުވާދު ވަނީ އެފަދަ ފުރުސަތެއް ލިބުމުގެ ވާހަކަތަކެއް ދެކެވެމުންދާ ކަމާއި، އެ ފުރުސަތު ލިބިއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާދެއްވާނެކަމަށް ވިދާޅުވެފައެވެ.

 އެހެންނަމަވެސް ފުވާދު އިސްތިއުފާދެއްވަން ނިންމަވާފައިވަނީ، އެ މަގާމު ލިބުނުކަން ކަށަވަރުވުން ކަމަށް  އެނގިފައި ވެއެވެ.

ނިމިދިޔަ ވެރިކަމުގެ ދައުރުގައި ފުވާދު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަނުކުރެއްވީ 2019 ވަނަ އަހަރުއެވެ. އެ ކޮމިޝަނުގެ ރައީސަކަށް ފުވާދު އައްޔަނުކުރެއްވީ 2021 ވަނަ އަހަރުގއެވެ. ފުވާދު ތައުފީޤަކީ 2008 އިން 2009 އަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށް ފުއާދު ތައުފީޤު ހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ. ފުއާދު ތައުފީޤު ސަރުކާރުގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ ފެބުރުވަރީ 1973 ގައެވެ. ފުރަތަމަ ވަޒީފާ އަދާކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގައެވެ. އަދި 2007 ވަނަ އަހަރާއި ހަމައަށް ހުންނެވީ އެއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައެވެ.

ޤާނޫނުގައިވާ ގޮތުން އިލެކްޝަން ކޮމިޝަނުގެ ރައީސް ނުވަތަ ނާއިބު ރައީސް މެންބަރުކަމުން އިސްތިޢުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އެމަޤާމަށް މެންބަރަކު އައްޔަންކުރަންޖެހެ އެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ފުވާދު ކުރެއްވި ބުރަ، މިންނެތް މަސައްކަތަށް ގިނަ ބައެއްގެ ތައުރީފާއި ޝުކުރު ލިބިގެންދިޔައެވެ. އެގޮތުން، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ފޯމު ހުށަހަޅަމުންދިޔަ ދުވަހެއްގައި ފުވާދުގެ ދަރިކަލުން ނިޔާވިއިރު،އެ ދުވަހު ވެސް ގައުމީ ވާޖިބު އިސްކުރައްވައި، ފުވާދު ތައުފީގު ދެއްކެވި ސާބިތުކަމަށް ގިނަބައެއްގެ ތައުރީފު ލިބުނެވެ.

އެގޮތުން، ކެންޑިޑެސީ ފޯމު ހަވާލުކުރާ ހަފްލާގައި ފުވާދު ތައުފީގު ހާޒިރުވެވަޑައިގެން ނެތްނަމަވެސް، އެކަމާ މެދު ޝަކުވާކޮށް ބުރަ ބަހެއް ބުނާނެ މީހަކު ނެތްނަމަވެސް، އުނދަގޫ، ހިތާމަވެރި އެ ވަގުތުގައި ވެސް ޒިންމާ އަދާކުރެއްވުމަށް ފުވާދު ދަރުބާރުގޭގައި، އިންތިޚާބީ މައި މަރުކަޒުގައި ހުންނެވިއެވެ.

ސަރުކާރުގެ މަގާމަކަށް ވަޑައިގެންނެވުމަށް ފުވާދު ތައުފީގު އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާދެއްވަން ތައްޔާރުވެވަޑައިގަންނަވާއިރު، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެންމެފަހުން ފުވާދު އިންތިޚާބުކުރެއްވީ އެ މަގާމު ފުރުއްވަމުން ގެންދެވި އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން މަގާމު ހުސްވުމުންނެވެ. ޝަރީފު ވެސް އިސްތިއުފާ ދެއްވުމަށްފަހު ދެން ފެނިގެންދިޔައީ ސަރުކާރުގެ މަގާމަކާ ހަވާލުވެވަޑައިގަތްތަނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com