ކުޑަކުއްޖެއްގެ ގައިގައި ޖަހައި އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އިންޑިއާ މެއިޑުގެ ބޮޑެތި ތުހުމަތުތަކެއް ކުއްޖާގެ އާއިލާއަށް ކޮށްފިއެވެ.
ކުޑަކުއްޖާއަށް އަނިޔާ ކުރި މައްސަލައިގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. މިއަދާއި ހަމައަށް އޭނާގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން އިތުރު ކޮށްފައިވާއިރު، ބަންދުގެ މުއްދަތު އިތުރު ކުރުމަށ އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އުމުރުން 22 އަހަރުގެ ސަންދީޕް ކޯރު ވަނީ ކުއްޖާގެ ގައިގައި ޖެހި ކަމަށް އެއްބަސްވެފައެވެ.
އިއްޔެ ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކޮށްފައިވާއިރު، ކޯޓު އަމުރުގައި ބުނެފައިވަނީ އެކަމަކީ އޭނާ އަތުން ކުރެވުނު ކަމެއް ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި 10 ދުވަހުގެ ތެރޭގައި މައްސަލަ ޕީޖީއަށް ހުށަހެޅޭނެ ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މިމައްސަލައަށް އޭނާ އިއުތިރާފުވެފައިވާއިރު، މިދިޔަ މަހުގެ 9 ވަނަ ދުވަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކުއްޖާގެ އާއިލާއަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެއްވެ. އެގޮތުން އޭނާ މަސައްކަތް ކުރާ ގޭގެ ފިރިހެން މީހާާއާއި އަންހެން މީހާގެ ފަރާތުން އަނިޔާ ކުރަމުން އަންނަ ކަމަށާއި އޭނާއަށް ލިބެން ޖެހޭ މުސާރަ ވެސް ނުދޭ ކަމަށް ވަނީ ބުނެފައެވެ.
އަދި ބަލިވެ އުޅޭއިރު ވެސް ގަދަކަމުން މަސައްކަތް ކުރުވާ ކަމަށާއި ކާން ވެސް ނުލިބޭ ކަމަށާއި ރަށަށް ދާން ބޭނުންވާ ކަމަށް ބުނުމުން ދުވަހަކު ވެސް އިންޑިއާއަށް ނުފޮނުވާނެ ކަމަށް ވެސް ކުއްޖާގެ އާއިލާއިން ބުނި ކަމަށް ކޯޓު އަމުރުގައި އޭނާ އާއި ހަވާލާދީ ވަނީ ބުނެފައެވެ.
މީގެ އިތުރުން އަތުގައި ފައިސާއެއް ނެތް ކަމަށާއި ވަކީލަކު ހަމަޖެއްސުމުގެ ތަނަވަސްކަން ވެސް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.