police-accomodation-hulhumale-maldives

ފުލުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) މެދުވެރިވެގެން 2012 ވަނަ އަހަރު ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި ތިން ޓަވަރުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

މި ފްލެޓުތައް އަޅަން އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑިއާ އެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމަން ބޭނުންވާ ފައިސާ ނުލިބިގެން މަސައްކަތް ހުއްޓިފައި އޮއްވާ ނޫމަޑިއާއެކު ވެފައިވާ އެއްބަސްވުން އުވާލާ، އައިލެންޑް އެކްސްޕާޓާ ހަވާލުކުރީ 2016 ގަ އެވެ. އައިލެންޑް އެކްސްޕާޓަކީ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ނޫމަޑިއާއެކީ މި ފްލެޓުތަކުގެ މަސައްކަތް ކުރަމުން އައި ކުންފުންޏެވެ.

އެކަމަކު އެކި ސަބަބުތައް ދައްކައި އެ ކުންފުންޏަށް ވެސް މިވީ ހަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭ ގޮތެއް ނުވި އެވެ. އެކަމަކު އިމާރާތްކުރުމުގެ ގިނަ މަސައްކަތްތަކާއި ޓަވަރުތަކުގެ އެތެރޭގައި ކުރަންޖެހޭ އިންޓީރިއާ އަދި ފިނިޝިން ބައެއް މަސައްކަތްތައް ހުރީ ނިމިފަ އެވެ.

އައިލެންޑް އެކްސްޕާޓަށް ވެސް މި މަސައްކަތް ނުނިންމުމުން، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލީ މިފަހުންނެވެ. އެކަމަކު އެއްބަސްވުން އުވާލި ސީދާ ތާރީހެއް ނޭނގެ އެވެ. މި އެއްބަސްވުން އުވާލަން އެތަނުގެ އެ ޕްރޮޖެކްޓަށް ގަނެފައިވާ މުދަލާއި ހިދުމަތްތައް ދެނެގަތުމަށްޓަކައި ވެލުއޭޝަން އޮޑިޓެއް ފުލުހުން އިއުލާނުކުރީ މި އަހަރުގެ މާޗު މަހު އެވެ.

ފުލުހުންގެ ތިން ޓަވަރުގެ ބާކީ ހުރި މަސައްކަތްތައް ނިންމަން އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ 274.5 މިލިއަން ރުފިޔާއަށް، ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ފިނިޝިން މަސައްކަތް ނިންމާ ގޮތަށެވެ.

ފުލުހުންގެ ޓަވަރުތަކާ ގުޅޭ ބައެއް މައުލޫމާތާއި ހިދުމަތްތައް

  • ތިން ޓަވަރުގައި 361 ޔުނިޓު
  • އެޕާޓްމަންޓު ސައިޒަކީ 1100 އަކަފޫޓު
  • ޕާކިން އޭރިއާ
  • ކޮމާޝަލް އޭރިއާ
  • މަލްޓިޕާޕަސް ހޯލް

ގިނަ ދުވަސްތަކަކަަށް ފަަހު މި ޓަވަރުތަކުގެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކުރުމާ ގުޅިގެން ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހު ވިދާޅުވީ، މިއީ ގިނަ ފުލުހުންތަކެއް އިންތިޒާރުކުރަމުން އަންނަ ކަމެއް ކަމަށާއި މިތަންތަން ނިންމަން ހަވާލުކުރުމުން އެ ފުލުހުންނަށް ހިތްތަހަމަޖެހުން ލިބޭނެ ކަމަށެވެ. އަދި، މިފަހަރު މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން ލިބިގެން ގޮސްފި ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަސައްކަތުގައި ފުލުހުންނާ ގާތުން މަސައްކަތް ކުރަމުން އަންނަ ޕްލޭނިން މިނިސްޓްރީން ވެސް ވަނީ މިފަހަރު ޓަވަރުތައް ނިމޭނެ ކަމަށް ބުނެފަ އެވެ. އަމީންއާ ހަވާލުކޮށްގެން ކުރިޔަށްދާ ފިނިޝިން ޕްރޮޖެކްޓުގެ ކަންކަން ބަލަހައްޓާނީ ފުލުހުންގެ ހިދުމަތާއި ޕްލޭނިން ގުޅިގެންނެވެ.

ސަރުކާރު ޕްރޮޖެކްޓުތަކުގެ މައުލޫމާތު ހުންނަ އައިލްސް ވެބްސައިޓު ބުނާގޮތުން މި ފިނިޝިން މަސައްކަތަށް ފައިސާ ހަރަދުކުރަނީ ޑޮމެސްޓިކް ބަޖެޓުންނާއި ކޮމާޝަލް ލޯނަކުންނެވެ. މި ލޯނާ ގުޅޭ އިތުރު ތަފުސީލުތަކެއް ވެބްސައިޓުން ފެންނާކަށް ނެތެވެ.

Content retrieved from: https://adhadhu.com/article/19861.

Related Post

Leave a Reply

Your email address will not be published. Required fields are marked *