ހުޅުމާލެ އިން މާލޭ ރައްޔިތުންނަށް ސަރުކާރުން ބިން ވިއްކަން ނިންމި ނިންމުމަށް އާއްމު ރައްޔިތުންގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ.
ހުޅުމާލެއަކީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކާ ބޮޑު ކޮށްފަ އޮތް ބިމަކަށް ވެފ،ަ އާއްމު އުސޫލަކުން ރާއްޖޭގެ އެެހެން ރަށް ރަށުގަ ވެސް ބިން ނުދޭތާ50 ވަރަކަށް ވެދާނެކަމަށާ، ވަކި ނަސްލަކަށް ބިން ހަމަ ޖެއްސުމަކީ ނަސްލީ ތަފާތު ކުރުން ކަމަށް އާޢްމު ރައްޔިތުން މީސް މީޑިޔާގައި ޝުއޫރު ފާޅު ކުރަމުން އެބަ ދެއެވެ.
ސަރުކާރުގެ ސިޔާސަތަށް މި ގެނައި ކުއްލި ބަދަލަކީ 2023 ގެ ރިޔާސީ ވޯޓަށް ސަރުކާރުގެ މަގްބޫލުކަން އިތުރު ކުރުމަށް، މާލޭ ރައްޔިތުންގެ ވޯޓު ހޯދުމުގެ ނިޔަތުގައި ކުރި ނުސިޔާނު ކަމެއް ކަމަށް ގިނަ ރައްޔިތުން ސިފަ ކުރެއެވެ. ފާހަގަ ކުރެވޭ ގޮތުގައި ކުރީ ދައުރުގަ ރައީސް ޔާމީންގެ ސަރުކާރުން މިކަމާ މެދު ގެނގުޅުއްވީ ހަރުދަނާ ސިޔާސަތެކެވެ. އެއީ ވަކި ނަސްލަކަށް ބެލުމެއް ނެތި ބޯހިޔާވަހިކަމަށް ބޭނުންވެފަ ތިބި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހި ކަން ލިބޭނެ ސިޔާސަތެކެވެ.
ނަސްލީ ތަފާތު ކުރުން ހުއްޓާލުމަށާ ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބޭނުން ކޮންމެ ރައްޔިތަކަށް ބިން ލިބެންވާނެ ކަމަށް ދެކޭ ކަމަށް ވެސް ބައެއް ރައްޔިތުން ގޮވާލަމުން ދެއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ދައުލަތުން ބިން ރައްޔިތުންނަށް ނުވިއްކާ ކަމަށާ ހަމަ އެކަނި މާލޭ ރައްޔިތުންނަށް ބިން ވިއްކުމަކީ އިންސާފެއް ނޫން ކަމަށް ވެސް ބައެއް ރައްޔިތުން ދެކެއެވެ. އަދި މި ސިޔާސަތުގެ މަގްސަދަކީ މާލޭގެ ބިމުގެ ބޭނުން ޖެހިފަ ތިބި ނިކަމެތި ރައްޔިތުންނަށް ބިން ލިބޭގޮތް ހެދުން ކަމުގައި ވާނަމަ އެބިންތައް ނުގަނެވޭނެ ވަރަށް ބޮޑު އަގުގައި ބިންތައް ވިއްކުމުން އެ މަގުސަދު ހާސިލުވޭތޯ ވެސް ގިނަ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ.
މާލޭގެ ރައްޔިތުން ކަން ކަނަޑައަޅާ ގޮތާ ބެހޭގޮތުން ވެސް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. މިގޮތުން މާލޭގަ ރެޖިސްޓްރީވެ އުމުރު ދުވަހު ބޭރުގައުމުތަކުގައި އުޅޭ ރައްޔިތަކާ، އުމުރު ދުވަހު ކުލި އަދި ޓެކްސް ދައްކައިގެން މާލޭ ގަ އުޅުނު ރާއްޖެތެރޭ މީހާ އަށް ބިމުގެ ހައްގުކަން ބޮޑުނުވާނެތޯވެސް ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މާލޭ ދަފްތަރު ގައި ހިމެނިފައިވާ ވީ މީހުންނަކީ މާލޭގެ ރައްޔިތުން ކަމުގައި ދެކޭތޯ ވެސް ވަރަށް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ދައުލަތުން މިކަމުގައި ހަރުދަނާ އުސޫލެއް ނުގެންގުޅޭ ކަމަށާ ރަޢްޖޭގެ ބިމާ ބެހޭ ގާނޫނުތަކަށް ބޮޑު އިންގިލާބީ ބަދަލު ގެންނަން ޖެހޭ ކަމަށް2023 ގަ އަމިއްލަ ގޮތުން ރިޔާސީ ކެމްޕޭންގައި ވާދަ ކުރައްވާ ޑީއެންއޭ ހަރަކާތުގެ ލީޑަރު އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އުމަރު ދެކެ ވަޑައިގަންނަވާ ގޮތުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެމީހަކު ބޭނުން ރަށަކުން ދިރި އުޅޭނެ ގޯޢްޗަކާ އަދި ހޮލިޑޭ ހޯމް އުސޫލުން އިތުރު އެއް ބިން އެހެން ރަށަކުން ލިބެން ޖެހެއެވެ. އަދި ބިމަކީ ވާރުތަ މުދަލަށް ވެގެން ނުވާނެ ކަމަށާ އަދި އެމީހަކަށް ދިރި އުޅެން ލިބޭ ބިމަކުން ވިޔަފާރީގެ ނަފާ ހޯދާނަމަ އިތުރު އެހެން އުސޫލުތައް އެ ބިންތަކަށް ހިނގަންވާނެ ކަމަށް އުމަރު ދެކެވަޑަައިގަންނަވައެވެ.