ރައީސް ނަޝީދު އިސްލާމްދީނާ ނުގުޅޭފަދަ ވާހަކަ ދައްކަވާ ކަމަށް ތުހުމަތު ކުރެވިއްޖެ

Spread the love
ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ޝައްކު ކުރެވޭ ސޯޝަލް މީޑިޔާ ތަކުން އިސްލާމްދީނަށް ފާޅުގައި ތައުހީނުވާފަދަ  ވާހަކަތައް ދައްކާ ކަމުގެ އަޑުގަދަވެފައިވާ ވަގުތެއްގައ،ި ރައްޔިތުންގެ އިއްތިހާދު ޖަމިއްޔާއިން މިވަނީ ރައީސް ނަޝީދުގެ މައްސަލަ ފުލުހަށް ހުށައަޅާފައެވެ. އަދި މި މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި މި މައްސަލަ ހުށަހެޅީ، ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ހިމެނިގެން “ރައްޔިތުންގެ އިއްތިހާދު” ނަމުގައި އުފައްދާފައި އޮތް ހަރަކާތަކުންނެވެ.

މި ކަމާއި ގުޅޭ ގޮތުން “ވަގުތު” އިން ސުވާލު ކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ސިޓީއެއް ލިބިފައިވާ ކަމަށާއި އޭގައިވާ ކަންކަން ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ.

“މައްސަލައެއް ބަލައި ދިނުމަށް އެދި ޖަމިއްޔަތުލް އިއްތިހާދުން ފުލުހުންނަށް މިއަދު ސިޓީއެއް ލިބިފައިވޭ، އެ ސިޓީއާއި ގުޅޭ ގޮތުން ފުލުހުން ބަލަން ހުރި ކަމެއް ވާނަމަ ބަލަމުން ދާނެ،” މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިފަދަ މައްސަލައެއް އެ ޖަމިއްޔާގެ ފަރާތުން ޖެނުއަރީ 17، 2020 ގައި ވެސް ފުލުހުންގެ މުއައްސަސާއަށް ހުށަހެޅިއެވެ. އެއީ ކްރިސްމަސް ދުވަހުގެ ތަހުނިޔާ ނަޝީދު ފޮނުއްވާފައިވާ ޓްވީޓެއްގެ މައްސަލައެކެވެ.

އަނެއްކާ ވެސް، މި ނިމުނު 2021 ވަނަ އަހަރުގެ ކްރިސްމަސް މުނާސަބަތު އައިސްގެން އުޅެނިކޮށް ނަޝީދު އޭގެ ޝިއާރު ފެންނަހެން ފޮޓޯއެއް އާންމު ކުރުމުން އެ ކަން ފުލުހުންނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ނަޝީދުގެ އެ އަމަލަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ޚިލާފު އަމަލެއް ކަމުގައި ރައްޔިތުންގެ އިއްތިހާދުން ތުހުމަތު ކޮށްފައިވެއެވެ.

އިސްލާމީ ދައުލަތެއް ހިންގަމުންދާ ރާއްޖެ “ސެކިއުލާ” ނުވަތަ “ލާދީނިއްޔަތު” ދައުލަތަކަށް ބަދަލު ކުރުމުގެ އެޖެންޑާއެއް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ގެންގުޅުއްވާ ކަމަށް  ވަރަށްގިނަ  ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ނަޝީދުއާއި ދިމާއަށް “ލާދީނީ” އޭ ބުނެ ބައެއް ފަރާތްތަކުން އިނގިލި ދިއްކުރާތީ އެމަނިކުފާނާއި އެމްޑީޕީގެ ސަޕޯޓަރުން ކަންބޮޑު ވެސް ވެއެވެ. ދާދި ފަހުން “ލާދީނީ” ފަދަ ބަސްތައް ދިވެއްސަކަށް އަމާޒު ކުރުމަކީ ޖިނާއީ ކުށަކަށް ވާނެ ގޮތަށް ގާނޫނުލް އުގޫބާތަށް މަޖިލީހުން އިސްލާހުތަކެއް ވެސް ގެނައެވެ. އެކަމަކު ގެނައި އިސްލާހުގައި ކުފުރު ކުރުމުގެ ޖިނާއީ ކުށުގެ ގޮތުގައި ބެލެވެން ގިނަ ޝަރުތުތަކެއް ހިމަނާފައިވެއެވެ. އަދި ގާނޫނަށް މިބަދަލުތައް ގެނައީ ވެސް މިފަދަ އަމަލުތައް ކުރައްވަން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com