ފިރިހެން ފުލުހުން އަންހެނުން ‘ގަޔަށް އަތްލާ”، އަނިޔާވެރިކޮށް ހައްޔަރުކުރިކަމުގެ ތުހުމަތު!


“އިންޑިޔާ އައުޓް” އިހްތިޖާޖުގެ ތެރެއިން އެތައް ބަޔަކު ހައްޔަރުކުރަމުންދަނީ ސީދާ އިސްވެރިންގެ އޯޑަރަށް ކަމަށާއި، ފިރިހެން ފުލުހުން ފޮނުވާ އަންހެނުން ހިފާ ހައްޔަރުރި ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަން ޕާޓީން ކޮށްފި އެވެ.
ރާއްޖެއިން އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅުން ބާއްވަމުންދާ “އިންޑިޔާ އައުޓް” ސުލްޙަވެރި އިޙްތިޖާޖު ތަކުގެ ތެރެއިން މިދިޔަ ދެ ދުވަހު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންތަކެއް ހައްޔަރުކޮށްފަ އެވެ. އެގޮތުން އިއްޔެ ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުން ވަނީ 7 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ކުރީ ދުވަހު ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމުން ކަމަށެވެ.
މި މައްސަލައިގައި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުން މީހުން ހައްޔަރުކޮށްފައިވަނީ ސުލްޙަވެރިކަމާއެކު އަޑު އުފުލަމުން ދަނިކޮށް، “އިންޑިޔާ އައުޓް” ނުގޮވޭނެ ކަމަށާއި އަދި “އިންޑިޔާއައުޓް” މިހެން ޖަހާފައިވާ ޓީޝަރޓްގައި އަޑުނުއުފުލޭނެ ކަމަށް ބުނެ ކަމަށެވެ.
މީގެ އިތުރުން އަނިޔާވެރިކަމާއެކު އެފަރާތްތައް ހައްޔަރުކޮށް، ޢުމުރުން ދުވަސްވީ މީހުންނަށްވެސް އެއްވެސް ބެލުމެއްނެތި ހިފާ ހައްޔަރުކޮށް، އަދި ފިރިހެން ފުލުހުން ފޮނުވާ އަންހެނުން ހިފާ ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
އިދިކޮޅުން ބުނީ، ހިޔާލުފާލުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ކަމަށްވާއިރު ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި ރައްޔިތުން ނުކުމެ އަޑުއުފުލުމުން ގެންދަނިކޮށް، މިފަދަ ނޭދެވޭ ޢަމަލުތައް ހިންގުމަކީ މިސަރުކާރު ވަރަށް ބޮޑަށް އިންޑިޔާގެ އަޅުވެތި ކަމުގެ ދަށަށް ވެއްޓިފައި އޮތުމުންހިންގާ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށެވެ.
“އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރުމުގައި އެއްވެސް ކަހަލަ ހަމައެއް އުސޫލެއް ނެތްކަމާއި ހައްޔަރުކޮށްގެން ގޮސް އެތައް ގަޑިއިރެއް ވަންދެން ފުލުހުންގެ ބަންދުގައި ބައިތިއްބައި މިފަދަ ޚުދުމުޚުތާރު ގޮތަކަށް ޢަމަލު ކުރަމުންދަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށްކަން ވަރަށް ސާފު” އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އިދިކޮޅުން ވަނީ މިކަންކަން ރާއްޖޭގައި ޤާއިމްކުރެވިފައިވާ ތަޙްޤީޤީ އިދާރާތަކުން މިނިވަންކަމާއެކު ތަޙްޤީޤު ކުރުމަށް ގޮވާލާ، ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފަ އެވެ. އަދި މިނިވަންކަމާއެކު ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
“އަދި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި އަޑުއުފުލާ ރައްޔިތުންނަށް މިފަދައިން އަނިޔާވެރިނުވެ ޤާނޫނީ އިމުގެ ތެރެއިން ޢަމަލު ކުރުމަށް ގޮވާލަމެވެ. މިސަރުކާރުގެ އިސްވެރިން މިޤައުމަށް ޣައްދާރުވެ ، އިންޑިޔާގެ ބާރާއި ނުފޫޒުގެ ތެރެއަށް ގައުމުގެ މިނިވަންކަން ވައްޓާލާފައިވާހިނދު، މިކަމާ ދެކޮޅަށް މިކޯލިޝަނުން ހިންގާ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ.” ނޫސްބަޔާން ނިއްމާލަމުން އިދިކޮޅުން ބުނެފައިވެ އެވެ.
މިއަދު ހަވީރުވެސް އިދިކޮޅުން ވަނީ މާލޭގައި މި އެއްވުން ކުރިއަށް ގެންގޮސްފަ އެވެ. އަދި މި އެއްވުމުގެ ތެރެއިންވެސް 28 މީހަކު ހައްޔަރުކުރި ކަމަށް ޕީޕީއެމް އިން މީގެ ކުޑަވަގުތުކޮޅެއް ކުރިން ވަނީ ހާމަކޮށްފަ އެވެ.
ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދް ބުނީ، މިއަދުގެ ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން 28 މީހަކު ވަރަށް އަނިޔާވެރިކޮށް ހައްޔަރުކުި ކަމަށެވެ. އަދި ލޯ ކައިރީ ޖައްސާފައި، ޕެޕާ ސްޕރޭ ޖެހި ކަމަށާއި، ހައްޔަރުކުރުމުގައި އަނިޔާވެރިވެ ބާރުގެ ބޭނުން ކުރި ކަމަށެވެ.
