ވޯޓާ ދިމާކޮށް ޕްރޮމޯޓް ކޮށްލި ކޮމަންޑޫގެ ނަލަ ނަލަ އިންޖީނުގެ

Spread the love

އުނދަގުލެއް އަދި ތުރާލެއް ވެސް ނުވާތީ މީހަކަށް ރޭގަނޑުގެ ނިދި ނުލިބުނު ވާހަކައެއް އަޑުއެހިންތޯ އެވެ؟ ށ. ކޮމަންޑޫ، ސެޓާން، ހުސެއިން އާޒިމަށް ރޭ ދިމާވީ އެ ހާލަތެވެ. ކޮމަންޑޫއަށް ކަރަންޓުދޭ ޖަނަރޭޓަރުތަކުގެ އަޑު ނީވޭ ހަނދާނެއް އުމުރުން 36 އަހަރުގެ އާޒިމް ނުވެ އެވެ. އެކަމަކު ރޭ ބާ އިންޖީނުގޭގެ ޖަނަރޭޓަރުތައް ނިއްވާލުމުން އާޒިމަކަށް ނުނިދުނެވެ. އަޑުފައްގަނޑާނުލައި ދިރިއުޅެން އޭނާ ޖެހޭނީ ހޭނޭށެވެ.

“އިއްޔެ [ބާ އިންޖީނުގެ] ނިއްވާލީމާ ރޭގަ ނުނިދޭ އެއްގޮތަކަށް ވެސް. ހީވީ ބޮޑު ފަޅު ރަށެއްގައި ނުވަތަ މީހުން ދިރިނޫޅޭ ހިސާބެއްގައި އުޅެވޭހެން. ބޮލުގަ ވެސް ރިއްސާ. ވާހަކަ ދެއްކެނީ ވެސް ތަންކޮޅެއް ބާރަށް. މިހާރު ބުނާ އެއްޗެހި އިވޭނެ ތަންކޮޅެއް ދުރުގައި ހުންނަ މީހުންނަށް ވެސް،” އާޒިމް ކިޔައިދިނެވެ.

ކޮމަންޑޫގެ އިންޖީނުގެ 1990 ވަނަ އަހަރުން ފެށިގެން ހުކުރު ދުވަހުގެ ހަވީރު 5:30 ހަމައަށް ހިންގަމުންދިޔައީ ރަށު މެދުގަ އެވެ. ވަރަށް އާދައިގެކޮށް، ސައުންޑްޕްރޫފް ކުރުމަށް އެއްވެސް މަސައްކަތެއްނުކޮށް އޮތް އިންޖީނުގެއާ ވަރަށް ކައިރީގައި ހަތަރު ގެ ހުރެ އެވެ. އާޒިމް ދިރިއުޅޭ ސެޓާންގެ އިތުރުން އެ ހިސާބުގައި ސިލްސިލާގެ އާއި ސޭބޫގެ އާއި އޯޝަލް ވިލާ ކިޔާ ގެއެއް ހުރެ އެވެ.

ކޮމަންޑޫ ބާ އިންޖީނުގެ ކުރިން ހުރިތަން: އެ އިންޖީނުގޭގެ އުނދަގޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރިމަތިވި — ފޮޓޯ: ހުސެއިން އާޒިމް

ރަށުގެ އާ އިންޖީނުގެ ޒަމާނީ ފެންވަރަކަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން އިމާރާތް ކުރީ ރަށުގެ އިރުމަތިން، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި މޫދު ކައިރީގަ އެވެ. އެ ބަދަލާއެކު ބާ އިންޖީނުގޭ ސަރަހައްދުގައި ދިރިއުޅުނު މީހުންގެ ހަޔާތް އެންމެ ދުވަހަކުން ބަދަލުވެއްޖެ އެވެ.

“މުޅިން އާ ދުނިޔެއަކަށް އާދެވުނުހެން ހީވަނީ،” ކޮމަންޑޫ، ސޭބޫގޭ، އާދަމް އަލީ، 56، ބުންޏެވެ.

ޒަމާނީ ފެންވަރަށް ހެދި ކޮމަންޑޫގެ އާ އިންޖީނުގެ: ރައްޔިތުން ބުނީ އާ އިންޖީނުގެއާއެކު މުޅިން އާ ދުނިޔެއަކަށް އާދެވުނުކަމުގެ އިހްސާސް ކުރެވިއްޖެ ކަމަށް — ފޮޓޯ: ފެނަކަ ކޯޕަރޭޝަން

އިންޖީނުގޭގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަރަށް ބޮޑު އުނދަގޫތަކެއްވި އެވެ. ފުރަތަމަ ކަމަކީ އަޑެވެ. އޭގެ އިތުރުން ދުމާއި ތެލުގެ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ. ވަޅު ފެން ހުންނަނީ ތަގައްޔަރުވެފަ އެވެ. ހިއްކަން އަޅާ އަންނައުނުގައި ހުންނަނީ ދެލި ހިފައިފަ އެވެ. ގޭގައި ހުންނަ ގަހުގައި އަޅާ މޭވާ ބޭނުން ކުރެވޭ ވަރެއް ނޫނެވެ. ގަހުގެ ފަތްތަކާއި އަޅާ މޭވާގައި ވެސް ހުންނަނީ ދެއްޔެވެ.

“ކުރީގައި ދެރަ ވެސް ވޭ ހާލަތާ މެދު ވިސްނޭއިރު. އިންޖީނުގެއަށް ގޮސް އެއްޗެހި ވެސް ބުނެވޭ އެ ކުދިން [އިންޖީނުގޭ މުވައްޒަފުން] ދެރަވާ ގޮތަށް،” ނުކުޅަދުންތެރިކަން ހުންނަ ކުއްޖަކާއެކު ޖުމްލަ ހަ މީހުން ދިރިއުޅޭ ސޭބޫގޭގެ ވެރިޔާ އާދަމް ބުންޏެވެ.

ކޮމަންޑޫ ބާ އިންޖީނުގެ ރައީސް ނިއްވާލައްވަނީ: އިންޖީނުގެ އިމާރާތް ކުރުމުގެ 70 ޕްރޮޖެކްޓު ފެނަކައިން މުޅި ރާއްޖޭގައި އެބަ ކުރިއަށްގެންދޭ —

މި ވެއެތުވެދިޔަ ތިން އަހަރުގެ ތެރޭގައި ކޮމަންޑޫ ހިމެނޭ ގޮތަށް ފެނަކައިން 39 ރަށެއްގައި މުޅިން އާ އިންޖީނުގެ ބިނާކޮށްފި އެވެ. އަދި 31 ރަށެއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިބާރާތުންނަމަ ސަރުކާރުން ބޭނުން ވަނީ “ގެދަބުޅި އަރުވާ” އިންޖީނުގެތައް މުޅި ރާއްޖޭއިން ވެސް ނައްތާލުމެވެ.

“މީގެ 32 އަހަރު ކުރިން، މިރަށުގައި ގެދަބުޅި އަރުވަމުންދިޔަ އިންޖީނުގޭގެ ބަދަލުގައި، ފެނަކައިން އާ އިންޖީނުގެއެއް މިތާ އަޅައި، ޖަނަރޭޓަރުތައް ބަހައްޓައި، މި ރަށަށް ބޭނުންވާ ވަރަށް ކަރަންޓު ދޭން ފެށީ،” ކޮމަންޑޫގައި ހުންނަވައި ރައީސް ސޯލިހު ރޭ ވިދާޅުވި އެވެ. “މީގެ އެތައް މަސައްކަތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނަކައިން ކުރަމުންއެބަދޭ.”

ރައީސް ވިދާޅުވާ ގެދަބުޅި އަރުވާ މެޝިނުތައް ބަންދު ކުރުމަކީ ކުޑަ މަސައްކަތެއް ނޫނެވެ. އޭގެ ފައިދާ އެއް ދުވަހުން، ރައްޔިތުންނަށް އިހްސާސް ކުރެވިއްޖެ އެވެ. ދިގު އެތައް އަހަރަކަށްފަހު އަރާމު ނިންޖަކަށް މިހާރު އުއްމީދު ކުރެވެ އެވެ.

“ދުވަސްކޮޅެއް ނަގާނެ އިންޖީނުގެ އަޑާ ނުލާ އުޅެން ހޭނެން. އެކަމަކު ހަމައަކަށް އެޅޭނެ. މިހާރު ވެސް ވަރަށް ފަސޭހަވެއްޖެކަން އިހްސާސް ކުރެވޭ،” ކުރިން ވާހަކަ ދެއްކި ހުސެއިން އާޒިމް ބުންޏެވެ.

Content retrieved from: https://adhadhu.com/report/20113.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com