ޒިއްމާދާރުކަން ކުޑަ އެޗްޕީއޭގެ ސަބަބުން، ވިޔަފާރިވެރިންނަށް މިލިޔަނުން ގެއްލުން!

Spread the love

މިދިޔަ 48 ގަޑިރުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބޮޑެތި ނިންމުންތަކެއް ނިންމިއެވެ.

ފުރަތަމަ އެޗްޕީއޭއިން ނިންމީ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެގެން މަގުމަތީ ބާޒާތު ހުއްޓުވައި، އެފަދަ އެހެން ހަރަކާތްތައް ވެސް ނުބޭއްވޭނެ ކަމަށެވެ. އެއީ 5 ޖެނުއަރީގައެވެ. ނަމަވެސް 6 ޖެނުއަރީގައި އަނެއްކާވެސް ނިންމުމެއް އެޗްޕީއޭއިން ނިންމިއެވެ. އެއީ ނައިޓް މާކެޓް ބާއްވަން ހުއްދަ ދިނުމަށެވެ.

މިފަހަރު އެޗްޕީއޭއިން ޝަރުތުތަކެއް ކުރިއެވެ. އެއީ އަލުން ނައިޓް މާކެޓް ފަށާއިރު ބާޒާރުގައި ވިޔަފާރި ކުރެވޭނީ އާންމު ފިހާރަތަކުން ވެސް ވިޔަފާރި ކުރެވޭ އުސޫލުން ކަމަށެވެ. އަދި ގައިދުރުކަން ބަހައްޓައިގެން ކުރިޔަށް ގެންދިއުމަށް އެދިފައިވެއެވެ.

އޭގެ ފަހުން އަނެއްކާވެސް 24 ގަޑިއިރު ނުވަނީސް އެޗްޕީއިން ބޮޑު ނިންމުމެއް ނިންމިއެވެ. އެއީ ނައިޓް މާކެޓް ބާއްވަން ދިން ހުއްދަ ބާތިލު ކުރުމެވެ.

ވިޔަފާރިވެރިންނަށް ގެއްލުންތަކެއް

މާލޭގައި ބާއްވާ ނައިޓް މާކެޓް އިންތިޒާމް ކުރާ ފަރާތުން “ދެން” އަށް މަލޫމާތު ދެމުން ބުނެފައިވަނީ، އެޗްޕީއޭގެ އަވަސް، ދޯހަޅި ނިންމުންތަކާއެކު ވިޔަފާރިވެރިން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

“މީގެ މައްސަލައަކީ ދެވަނަ ފަހަރަށް ބޭއްވުމަށް ހުއްދަ ދިނުމަށްފަހު އަނެއްކާވެސް ހުއްދަ ބާތިލް ކުރުން. ވިޔަފާރި ކުރަން މި ގެންގުޅޭ ޓެންޓްތައް ޖެހުމަކީ ޚަރަދު ބޮޑު ކަމެއް. 4،000 ވަރަކަށް ރުފިއާއަށް ޓެންޓެއް މި ޖެހެނީ. ހުއްދަ އަލުން ދިނުމުން ޓެންޓްތައް ރޫޅާލުމަށްފަހު، އަނެއްކާ އަޅަން ޖެހުނީ. ހަމައެކަނި ޓެންޓް ހެދުމަށް ދިޔަ 10،000 ރުފިޔާ. 250 ވިޔަފާރިވެރިން މިތާންގައި އުޅޭއިރު، ހަމައެކަނި ޓެންޓަށް ދިޔަ ޚަރަދު އެބަ އަރާ 2 މިލިޔަން” ނައިޓް މާކެޓް އިންތިޒާމް ކުރާ ކުންފުނިން، ރަޔަން އަލީ ބުންޏެވެ.

ރަޔަން ބުނި ގޮތުގައި، ހުއްޓާލުމަށް އެންގުމަށްފަހު ހާލަތު ރަނގަޅުވަންދެން ނުބާއްވަން ނިންމިނަމަ، ވިޔަފާރިވެރިންނަށް އެހާ ބޮޑު ގެއްލުމެއް ނުލިބޭނެ ކަމަށެވެ.

އަދި ނައިޓް މާކެޓަކީ ކޮވިޑް-19 އާއެކު ބަގުރޫޓުވި ބައެއް ކުދި ވިޔަފާރިތައް އަލުން ކޮޅަށް ޖަހަން ލިބުނު ފުރުސަތެއް ކަމަށާއި ނަމަވެސް އެޗްޕީއޭއިން ކަންތައް ކުރި ގޮތުން އަނެއްކާވެސް ބޮޑެތި ގެއްލުންތަކެއް ކުދި ވިޔަފާރިތަކަށް ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.

“މިތާންގައި ތަކެއްތި ވިއްކަން ކުދި ވިޔަފާރިވެރިން. ރަށްރަށުން މުދާ ކޮޅު ހިފައިގެން އައިސްވެސް އެބަތިބި މީހުން. މިއީ އެ މީހުންނަށް ބޮޑު އޮޕަޗިއުނިޓީއެއް.” އިންޒާރެއް ނުދީ ނައިޓް މާކެޓް ހުއްޓުވުން ކުށްވެރި ކުރަމުން ރަޔަން ބުނީ، މިކަމަކީ ނިކަމެތި ވިޔަފާރި ވެރިންނަށް ދިން ބޮޑު އަނިޔާއެއް ކަމަށެވެ.

ހަމައެކަނި ނައިޓް މާކެޓް ހުއްޓުވުމުން ކަންބޮޑުވުން

މާލޭގައި ކޮވިޑް-19 ކޭސްތައް އިތުރުވުމާއެކު ބައެއް ފިޔަވަޅުތައްވަނީ އަޅާފައެވެ. ނަމަވެސް ވަކި ނައިޓް މާކެޓްގައި ގޮޅި ހަދައިގެން ވިޔަފާރި ކުރާ މީހުންގެ ޝަކުވާއަކީ، ފިޔަވަޅުތައް އަޅާއިރު ވަކި ބަޔަކަށް ފިޔަވަޅު އެޅުމެވެ.

“ނައިޓް މާކެޓް ބާއްވަން ހުއްދަ ނެތް ކަމަށް އެންގީ ރޭ 9 ޖެހިއިރު، އޭރު ރަސްފަންނު ސްޓޭޖް ސަރަހައްދުގައި ހަފްތާރެސްގެ ޝޯއެއް އޮތް. އައު އަހަރު ފާހަގަ ކުރަން 11،000 މީހުން ދިޔައޭ ބުނީ ހަމަ ސަރުކާރުން. އެޗްޕީއޭއިން މިކަންތައް ހުއްޓުމަށް މަސައްކަތް ނުކޮށް، ވަކި ކަމެއް ހުއްޓުވަން މަސައްކަތް ކުރުމުން ހައިރާންވޭ” ކަންބޮޑުވުން ހިއްސާ ކުރަމުން ރަޔަން ބުންޏެވެ.

ކޮވިޑް-19 ކޭސްތައް މާލެ ސަރަހައްދާއި އަތޮޅު ތެރޭގެ ރަށްތަކުގައި ދަނީ އިތުރުވަމުންނެވެ. މި މަހުގެ ތެރޭގައި 1300 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައިވާއިރު، އިއްޔެ އެކަނިވެސް ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 300 އަށްވުރެ މަތީގައެވެ. އެކްޓިކް ކޭސްތައް 3،086 އަށް އަރައެވެ. ކޮވިޑް-19 ހައްލުވި ކަމާއެކު، ފެތުރެމުން އަންނައިރު، ކޮންޓްރޯލް ކުރުމަށް ފިޔަވަޅު ނާޅާތީ ގިނަ ބައެއްގެ ފާޑު ކިޔުންވަނީ އެޗްޕީއޭއަށް އަމާޒުވެފައެވެ. އެޗްޕީއޭއަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާ ކަމަށް ގިނަ ބަޔަކު ބުނަނީ މިސަބަބާ ހުރެއެވެ.

ރަޔަން ބުނީ، ދެވަނަ ފަހަރަށް ހުއްދަ ދިނުމަށްފަހު ކުއްލިއަކަށް ހުއްދަ އަލުން ބާތިލް ކުރުމުން 8 މިލިޔަނެއްހާ ރުފިޔާގެ ގެއްލުން ވިޔަފާރިވެރިންނަށް ލިބިފައިވާ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ އަޑު އިއްވުމަށް މިއަދު އިހްތިޖާޖް ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

“މިއަދު 3:30 ގައި އިހްތިޖާޖް ކުރުމަށްވަނީ ހަމަޖެހިފައި. އިހްތިޖާޖް އޮންނާނީ ރަސްފަންނާ ދިމާ މަޖީދީ މަގުގައި” ރަޔަން ބުންޏެވެ.

ސިޓީ ކައުންސިލުން ކުށްވެރި ކުރީ އެޗްޕީއޭ

ނައިޓް މާކެޓް ހުއްދަ ބާތިލު ކުރުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން، މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު އައިޝަތު ޝިއުނާ ވިދާޅުވީ، އެޗްޕީއޭއިން މިކަމުގައި ކަންތައްކޮށްފައިވަނީ ވަރަށް ދޯހަޅިކޮށް ކަމަށެވެ.

“މީގެ ކުރިންވެސް އިންތިޚާބުތަކާ ދިމާކޮށްފައި، ސަރުކާރުން ބޭނުންވާ ގޮތަކަށް ސިޔާސަތުތައް ބަދަލު ކުރިތަން ފެނުނު. އެޗްޕީއޭއިން އެބަ ޖެހޭ ދުރާލާ ރާވައިގެން، ހަރުދަނާ ފިޔަވަޅުތަކެއް އަޅަން.” ނިންމުން މުރާޖައާ ކުރުމުން އެޗްޕީއޭއަށް ފާޑު ވިދާޅުވަމުން ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ، އެޗްޕީއޭގެ ނިންމުގެ ސަބަބުން ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަން އިނގޭ ކަމަށާއި މިކަމުގައި ކައުންސިލަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

“ސަރުކާރުން، އެޗްޕީއޭއިން އެންގީ ހުއްދަ އަލުން އަނބުރާ ގެންގޮސްފީމާ. އަޅުގަނޑުމެން ޖެހޭނީ ތަންފީޒް ކުރަން ދެއްތޯ” ޝައުނާ ވިދާޅުވީ ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ އެޗްޕީއޭއިން ދެވަނަ ފަހަރަށް ދީފައިވަނީ އެޗްޕީއޭއަށް ވިޔަފާރިވެރިން އެދުމުން ކަމަށެވެ. ނަމަވެސް ކުއްލިއަކަށް އިންޒާރެއް ނުދީ ހުއްޓުވާނެ ކަމަށް ޤަބޫލު ނުކުރެވުނު ކަމަށް ޝައުނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com