ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް މި މަހު އަލުން ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ މި ފެންއަރުވާ ވަޑާމުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ފަހު، މިރޭ ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ކުރަން ހުރި މަސައްކަތްތައް ނިންމައި، މި މަހު 20 ގައި އަލުން ހުޅުވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުމްހޫރީ މައިދާނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ މޮނިއުމަންޓަކާ އެކު ހިތްގައިމު ގޮތަކަށް ތައްޔާރު ކުރި މި ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރުނު މުނާސަބަތާ ގުޅުވައިގެން އެމްޓީސީސީން ހެދި ތަނެކެވެ. އެކި ކުލަތަކުން ދިއްލޭ ގޮތަށް ފެންއަރުވާ ވަޑާން ހެދީ އާންމުންނަށް ވެސް އެތަނުގެ ތެރެއަށް ވަދެވޭ ގޮތަށެވެ.

މި ފެންއަރުވާ ވަޑާން ޖުމްހޫރީ މައިދާނުގައި ބެހެއްޓީ މިހާރު މަލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ވެސް ހުންނަވަނިކޮށެވެ. މި ސަރުކާރު އައިފަހުން، މި ފެންއަރުވާ ވަޑާން އެއްވެސް ވަރަކަށް ބަލަހައްޓާފައި ނުވާ ކަމަށް އޭނާ ކުރިން ބުނެފައިވެ އެވެ.

އެއްވެސް ވަރަކަށް އަޅާ ނުލައި، ޖުމްހޫރީ މައިދާނުގެ އާބާތުރަ ނުފިލުވާ ދޫކޮށްލައިފައި ވަނިކޮށް، މިހާރުގެ ސިޓީ ކައުންސިލުން ގެންދަނީ ހާއްސަ އިސްކަމެއް ދީގެން ކަންތައްތަކެއް ކުރަމުންނެވެ.

އެ މަސައްކަތްތަކުގެ ތެރެއިން ޖުމްހޫރީ މައިދާނުގައި ކައުންސިލުން ވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ވިނަ އިންދައިފަ އެވެ. އެ ވިނަތައް ރަނގަޅަށް ނުހެދެނީސް، މިދިޔަ މަހު 26 ގައި އެ ތަނުގައި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާއެއް ބޭއްވުމުން ކައުންސިލްގެ ނުރުހުން ސަރުކާރަށް އަމާޒުވި އެވެ.

މޭޔަރު މުއިއްޒު އޭރު ވިދާޅުވެފައި ވަނީ އެ ޖަލްސާ ބޭއްވީ އެތަނުގައި ވިނަ އިންދާ، ރަނގަޅަށް ހެދެން ދެން އެ ތަނުގެ މަތީގައި އެއްވެސް އެއްޗެއް ނުބަހައްޓަން ތަކުރާރުކޮށް ސަރުކާރުގައި އެދިފައި ވަނިކޮށް ކަމަށެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *