ރައީސް ނަޝީދުގެ ކޮއްކޯފުޅުގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލުން ބަލަނީ


ބާ ކައުންސިލުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަލް އުސްތާޒު ނާޒިމް ސައްތާރަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން ކ.މަހާނައެޅިހުރާގައި ހިންގަމުންދާ ރިހިވެލި ބީޗް ރިސޯޓާ ގުޅިގެން ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ސޭވް ދަ ޑްރީމްސް މޯލްޑިވްސްގެ ވަކީލެއްގެ ގޮތުގައި ނާޒިމްގެ ފަރާތުން މީސް މީޑިއާގައި އެ މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާ ހަވާލާދީ ވާހަކަ ދެއްކުމާއި މައްސަލަ ބައްލަވާ ގާޒީ ޓެގްކުރައްވާ މީސް މީޑިއާގައި މައްސަލައާ ގުޅުންހުރި ވާހަކަތައް ދައްކަވަމުންދާ ކަމަށެވެ.
އެ އަމަލަކީ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރަމުންދާއަ މަލުތަކެއްކަމަށާއި އެ ފަދަ އަމަލުތަކަކީ ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކާ ހިލާފު އަމަލުތަކެއްކަމަށް ބުނެ މަހަލް ޓުއާސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިހާމްގެ ފަރާތުން ކައުންސިލަށް ޝަކުވާ ހުށަހެޅިފައިވާ ކަމަށް ބާކައުންސިލުން ބުންޏެވެ.
އެ ޝަކުވާ އާއި ގުޅިގެން، 16 ސެޕްޓެންބަރު 2021 ގައި ބޭއްވުނު ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ 14 ވަނަ ޖަލްސާގައި ސުލޫކީ މައްސަލަ ބެލުމަށްވަނީ ނިންމަވާފައިވާ ކަމަށް ނާޒިމްއަށް ފޮނުވި ސިޓީގައި ބުންޏެވެ.
ވަކީލުންގެ ސުލޫކީ މައްސަލަ ބެލުމާއި ބެހޭ ގަވާއިދުގެ ދަށުން ހުށަހެޅިފައިވާ ޝަކުވާއާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވުމަށް ބާ ކައުންސިލުން ވަނީ ނާޒިމްއަށް އަންގާފައެވެ.
ނާޒިމް ވިދާޅުވީ އޭނާ ހިލާފުވެފައިވަނީ ސުލޫކީ މިންގަނޑުގެ ކޮން މާއްދާއަކާއި ކަމެއް ބާ ކައުންސިލުން ހަވާލާދިފައިނުވާ ކަމަށެވެ.
ރިހިވެލި ރިސޯޓުގެ މައްސަލާގައި ފްރާންސް ކުންފުންޏަށް ދައުވާ ނުކުރެވޭނެކަމަށް ހައި ކޯޓުން ކަނޑައެޅުމުން އެ މައްސަލަ ސުޕްރީމު ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ. އިސްތިއުނާފުގައި އެދިފައި ވަނީ ހައި ކޯޓުގެ ގަޒިއްޔާގައި ސޭވް ދަ ޑްރީމް ޕްރައިވެޓް ލިމިޓެޑް ލައިބިލިޓީ ކޮމްޕަނީ (ސޭވް ދަ ޑްރީމް ފްރާންސް) އަށް ދައުވާކުރުމުގެ ހައިސިއްޔަތު އޮތްކަމަށް، ސުޕްރީމުކޯޓުން ކަނޑައަޅައި މި މައްސަލަ އަލުން ބެލުމަށެވެ.
ރިިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއަށް ހަވާލުކުރި ސަބްލީޒް އެގްރީމަންޓް، އެ ރިސޯޓު ހިންގާ ރަށުގެ ހެޑްލީސް ހައްގުތައް އޮންނަ މާހަލް ޓުއާސް އިން ބާތިލުކުރި މައްސަލައިގައި، ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހައި ކޯޓުން ކަނޑައެޅީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
