ފުރަތަމަ ހަފްތާގެ ކިޔެވުން 5 ދުވަހު ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދެވޭނެ



މާލޭ ސްކޫލުތަކަށް ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ހަމަޖައްސައިވީނަމަވެސް، ސުކޫލުތަކުން ބޭނުން ނަމަ ހުރިހާ ދުވަހަކު ވެސް ދަރިވަރުން ހާޒިރުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރީދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މާލޭ ސްކޫލުތަކުގެ ގްރޭޑް 8-1 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން ދެ ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމަށް ސްކޫލްތަކަށް އަންގައިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިގޮތަށް އަންގައިފައިވީ ނަމަވެސް ދެ ދުވަހަކީ އެންމެ މަދުވެގެން ދަރިވަރުން ހާޒިރު ކުރަން ޖެހޭނެ އަދަދު ކަމަށެވެ.
ސުކޫލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވޭނަމަ ދެ ދުވަހަށް ވުރެން އިތުރަށް ވެސް ސުކޫލަށް ދަރިވަރުން ހާޒިރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިއެކޭ ވެސް އެއްގޮތަށް، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުން ބަލައި، ސެނަޓައިޒް ކުރަން ޖެހޭނެ ކަމަށާއި ސްކޫލުގައި ކިޔަވައިދޭ ދަންފަޅި ކުރު ކުރުމަށް އެޑިއުކޭޝަނުން ވަނީ އަންގައިފައެވެ.
ރާއްޖޭގެ ކޮވިޑް ރޯގާ އަށް ޓެސްޓު ކުރާ މީހުން އިތުރުވެފައިވާ އިރު، މިފަހުން މާލޭއިން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ބޮޑުތަނުން މަތިވެފައެވެ. ބައެއް ތަޖުރިބާ ކާރުން ދެކެވަޑައިގަންނަވާ ގޮތުގައި މިފަހަރު އިތުރު މޫސުމީ ރޯގާއެއްވެސް އުޅުމާ އަދި ގިނަ މީހުން ޓެސްޓު ކުރުމުގެ ސަބަބުން ކޮވިޑު ގެ އަދަދު ތައް މައްޗަށް ދިޔައީ ކަމަށް ބެލެވެއެވެ.
Content retrieved from: https://sun.mv/161060.
